"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި ބާއްވަ ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކަށް އެވިޑް ކޮލެޖް ހަމަޖައްސާ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އެވިޑް ކޮލެޖް ހަމަޖެއްސި އެއްބަސްވުމުގައި "ވަގުތު" ގެ ފަރާތުން ސޮއި ކުރެއްވީ "ވަގުތު" ގެ އެޗްއާރް މެނޭޖަރު އިބްރާހިމް އިރުފާނެވެ. އެވިޑް ކޮލެޖްގެ ފަރާތުން ސޮއި ކުރެއްވީ އެކޮލެޖްގެ މެނޭޖަރ މާކެޓިން މުހައްމަދު ޝަހްޒާން އެވެ.

"ވަގުތު" އިން އައްޑޫގައި ބާއްވާ ފުޓްސަލް މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ.

މިމުބާރާތުގެ މޭޖާ ސްޕޮންސަރަކީ ކޮސްމެޓިކްސް ސާމާނު އޮންލައިންކޮށް ވިއްކާ "ޖެނެޓް އެމްވީ" އެވެ. ކޯ ސްޕޮންސަރަކީ ވެމްކޯ އެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ އާގަލާ މާޓެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖް ފަށާނީ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތް ކުރިއަށް ދާނެއެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

މިދިޔަ އަހަރު ބޭއްވި ފުޓްސަލް މުބާރާތް ފައިނަލް މެޗްގައި ޕެނަލްޓީ ޖަހައިގެން މޯލްޑިވިއަން ބަލިކޮށް ކާމިޔާބު ކުރީ އެފްސީ ބޭރުމަތި އެވެ.