އިނގިރޭސި ޕްރިމިއަ ލީގުގައި މިރޭ ބްރެންޓްފޯޑް އަތުން 2-1 އިން މޮޅުވެ، ލީޑްސް ޔުނައިޓެޑް ރެލިގޭޝަނުން ސަލާމަތްވެއްޖެއެވެ.

ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ލީޑްސް އިންނެވެ. މެޗުގެ 56 ވަނަ މިނެޓުގައި ޕެނަލްޓީއަކުން މި ގޯލް ޖެހީ ބްރެޒިލްގެ ވިންގާ ރަފިންހާ އެވެ. މިއީ ރަފިންހާ އަށް ބްރެންޓްފޯޑުގެ ކީޕަރު ޑޭވިޑް ރާޔާ ކުރި ފައުލަކާ ގުޅިގެން ރެފްރީ ލީޑްސް އަށް ދިން ޕެނަލްޓީއެކެވެ. ރަފިންހާގެ ގޯލްގެ ކުރިން މެޗުގެ ފުރަތަމަ ހާފުގައިވެސް ލީޑްސް އިން ބްރެންޓްފޯޑުގެ ގޯލަށް ބޯޅަ ވައްދާލިއެވެ. މެޗުގެ 19 ވަނަ މިނެޓުގައި ޖޯ ގެލްހާޓް ޖެހި ގޯލް ބަލައިނުގަންނަން ރެފްރީ ނިންމީ އޭނާ އޮފްސައިޑުގައި ހުރުމުންނެވެ.

ބްރެންޓްފޯޑަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނީ 78 ވަނަ މިނެޓުގައި ސާޖި ކެނޮސް އެވެ. އޭގެ ދެ މިނެޓު ފަހުން ދެވަނަ ރީނދޫ ކާޑާއެކު ރެފްރީ ކެނޮސް އަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީ އޮތް ވަގުތު ބްރެންޓްފޯޑުން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. 1-1 އިން ދެ ޓީމު އެއްވަރު ވެގެން މެޗު ނިމެމުން ދަނިކޮށް އިނގިރޭސި ފޯވަޑް ޖެކް ހެރިސަން ލީޑްސް މޮޅުކޮށްދިން ގޯލް ޖެހީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައެވެ.

ލީޑްސް ރެލިގޭޝަނުން ސަލާމަތްވުމުން ބާންލޭ ވަނީ ރެލިގޭޓް ވެފައެވެ. އަމިއްލަ ދަނޑުގައި ނިއުކާސަލްއާ މިރޭ ވާދަކުރި މެޗުން ބާންލޭ ވަނީ 2-1 އިން ބަލިވެފައެވެ. ލީޑްސް ސީޒަން ނިންމާލީ 38 ޕޮއިންޓާއެކު އެވެ. ބާންލޭ އަށް ލިބުނީ 35 ޕޮއިންޓެވެ. ޕްރިމިއަ ލީގުން ދެން ރެލިގޭޓުވި ޓީމުތަކަކީ 19 ވަނައިގައި ނިންމާލި ވަޓްފޯޑާއި ފުލުގައި ނިންމާލި ނޯވިޗް ސިޓީއެވެ. ވަޓްފޯޑަށް 38 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. ނޯވިޗް ސިޓީ އަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. މި ދެ ޓީމު ވެސް ވަނީ މިރޭ ކުޅުނު މެޗުތަކުން ބަލިވެފައެވެ.