މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލް ޔޫރޮޕާ ލީގުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

ޔުނައިޓެޑަށް ޔޫރޮޕާ ލީގުން ޖާގައެއް ކަށަވަރުވީ ލީގުގައި ކުޅުނު ފަހު މެޗުން މިރޭ ބްރައިޓަން އަތުން ވެސްޓް ހަމް 1-3 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. އަދި މިރޭ ޔުނައިޓެޑް ބަލިވީ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް ވަނީ ކުޅުނު 38 މެޗުން 58 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ހަ ވަނަ ކަށަވަރުކޮށް، ޔޫރޮޕާ ލީގުން ޖާގަ ހޯދާފައެވެ. ވެސްޓް ހަމްއަށް މިރޭގެ މެޗުން މޮޅުވެގެން ޔޫރޮޕާ ލީގުގެ ޖާގައެއް ލިބެން އޮތެވެ.

ނަމަވެސް، ބްރައިޓަން އަތުން ބަލިވުމުން ވެސްޓް ހަމް އޮތީ ކުޅުނު 38 މެޗުން ލިބުނު 56 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައެވެ. މިގޮތުން އެޓީމަށް ޖެހޭނީ ޔޫރޮޕާ ކޮންފެރަންސް ލީގުގެ ޕްލޭއޮފް ކުޅޭށެވެ.

މިރޭ އާސެނަލް ކުޅުނު މެޗުން އެޓީމު މޮޅުވީ އެވަޓަންއާ ވާދަކޮށް 1-5 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ޓޮޓެންހަމް އިން ނޯވިޗް ބަލިކުރުމާއެކު ޗެމްޕިއަންސް ލީގުގެ ޖާގައެއް އާސެނަލްއަށް ވަނީ ލިބޭ ގޮތް ނުވެއެވެ.

މިރޭ ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު، އާސެނަލްއަށް ހަމަވީ 38 މެޗުން 68 ޕޮއިންޓެވެ. އަދި ޓޮޓެންހަމް ވަނީ 38 މެޗުން 71 ޕޮއިންޓް ހޯދާފައެވެ. އާސެނަލްއާ ދެކޮޅަށް ކުޅުނު އެވަޓަން 38 މެޗުން 39 ޕޮއިންޓް ހަމަކޯށްފައިވާއިރު، އެޓީމަށް ލިބެނީ 16 ވަނައެވެ.