ވޮޓްފޯޑް އަށް ކުޅެމުން އައި ބްރެޒިލްގެ ވިންގާ ރިޗާލިސަން އެވަޓަން އަށް ބަދަލުވެއްޖެއެވެ.

އުމުރުން 21 އަހަރުގެ ރިޗާލިސަން އެވަޓަން އަށް ބަދަލުވީ 50 މިލިއަން ޕައުންޑުގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެވަޓަން އަށް ރިޗާލިސަން ބަދަލުވިއިރު އެ ކްލަބުގެ ކޯޗަކަށް މިވަގުތު ހުރި މާކޯ ސިލްވާއާއެކު އޭނާ ވަނީ މީގެކުރިން ވޮޓްފޯޑުގައި ވެސް މަސައްކަތް ކޮށްފައެވެ. ވޮޓްފޯޑް އަށް ރިޗާލިސަން ގެނައީ ވެސް މާކޯ ސިލްވާ އެ ކްލަބުގެ ކޯޗަކަށް ހުރިއިރުއެވެ.

އެވަޓަން އަށް ބަދަލުވުމަށްފަހު ރިޗާލިސަން ބުނީ އެވަޓަން އަކީ އިނގިރޭސިވިލާތުގައި އޮތް އެންމެ ބޮޑު އެއް ކްލަބު ކަމަށާއި އެ ކްލަބާއެކު އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހަދަން ބޭނުންވާ ކަމަށެވެ. އަދި މާކޯ ސިލްވާ އާއެކު އަލުން މަސައްކަތް ކުރަން ފުރުސަތު ލިބުމުން އެކަމުގެ ހިތްހަމަޖެހުން ވެސް ރިޗާލިސަން ވަނީ ފާޅުކޮށްފައެވެ.

"އަހަންނަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު މާކޯ ސިލްވާ ވޮޓްފޯޑްގައި ހުރިއިރު. އަދި އެވަޓަންގައި ހުރެގެން ވެސް އިތުރު ކުރިއެރުންތަކެއް ލިބި އާ ކަންތައްތަކެއް ވެސް އަހަންނަށް ދަސްވާނެ. އަހަރެން ގަބޫލުކުރާ ގޮތުގައި ބްރެޒިލްގެ ގައުމީ ޓީމަށް އެރުމަށް މާކޯ ސިލްވާ އަހަންނަށް އެހީތެރިވާނެ" ރިޗާލިސަން ބުންޏެވެ.

ބޮޑު އަގެއްގައި ރިޗާލިސަން އެވަޓަން އަށް ބަދަލުވެފައިވާއިރު މިދިޔަ ސީޒަނުގައި ވޮޓްފޯޑް އަށް ކުޅެދިން 41 މެޗުގައި އޭނާއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަސް ގޯލެވެ. އަދި މިދިޔަ ނޮވެމްބަރު މަހަށްފަހު ރިޗާލިސަން އަށް ގޯލެއް ކާމިޔާބު ކުރެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.