ޔުވެންޓަސް އަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު މިރަލެމް ޕިޔާނިޗް ގެންނަން މެންޗެސްޓަރ ސިޓީން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިޔޯލާ ދޮގުކޮށްފިއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ސިޓީން އިތުރު މިޑްފީލްޑަރެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު އެ ކްލަބުން އެންމެ ފުރަތަމަ މަސައްކަތްކުރީ ނަޕޯލީ އަށް ކުޅެމުން އައި ޖޯޖީނިއޯ ގެނައުމަށެވެ. ސިޓީން ހޯދަން މަސައްކަތް ކުރި ނަމަވެސް ދާދިފަހުން ޖޯޖީނިއޯ ވަނީ ޗެލްސީ އަށް ބަދަލުވެފައެވެ.

ޖޯޖީނިއޯ ނުލިބުމުން ސިޓީން މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޕިޔާނިޗް ގެންނަން ކަމަށް އިޓަލީގެ މީޑިޔާތަކުން އަންނަނީ ބުނަމުންނެވެ.

މިކަމާ ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކުރުމުން ގާޑިޔޯލާ ބުނީ ޕިޔާނިޗް އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ނަމަވެސް އޭނާ ގެންނަން ސިޓީން ޝައުގުވެރި ނުވާ ކަމަށެވެ.

"ޕިޔާނިޗް އަކީ ޔުވެންޓަސްގެ ކުޅުންތެރިއެއް. އޭނާ ގެންނާކަށް އަހަރުމެން ޝައުގުވެރިއެއް ނުވޭ" ގާޑިޔޯލާ ބުންޏެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ޕްރިމިއާ ލީގުގެ ކްލަބުތަކަށް ޓްރާންސްފާ މާކެޓު ބަންދުވާއިރު ސިޓީން މިހާތަނަށް ގެނެސްފައިވަނީ އެންމެ ކުޅުންތެރިއެކެވެ. އެއީ ލެސްޓަ ސިޓީ އަށް ކުޅެމުން އައި ރިޔާދު މަހްރޭޒްއެވެ. އޭނާ ސިޓީ އަށް ބަދަލުވީ 60 މިލިއަން ޕައުންޑުގެ އަގަކަށެވެ.

"ފަހަރެއްގައި އިތުރު ކުޅުންތެރިއެއް ގެނައުމަކީ ވެސް އަދި ނުގެނައުމަކީ ވެސް އެކަށީގެންވާ ކަމެއް. އެކަމާ މެދު އަހަރުމެން ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމާނަން. މިވަގުތު ވެސް ސިޓީގައި އެބައޮތް ރަނގަޅު ސްކޮޑެއް. ކޮންމެ މަގާމަކަށް ވެސް ބޭނުންވާ ކުޅުންތެރިން ސްކޮޑުގައި އެބަތިބި" ގާޑިޔޯލާ ބުންޏެވެ.

ޕިޔާނިޗް ގެންނަން އުޅޭ ވާހަކަތައް ގާޑިޔޯލާ ދޮގުކުރިއިރު އޭނާ ގެންނަން ޗެލްސީ އާއި ބާސެލޯނާ އިން ވެސް ޝައުގުވެރިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޔުވެންޓަސް އިން ޕިޔާނިޗް ވިއްކާލުމަކީ ވަރަށް ދުރު ކަމެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.