ލިވަޕޫލް އިން އިންގްލަންޑުގެ ފުލަމް އަށް ކުޅެމުން އައި ޕޯޗުގަލްގެ ޒުވާން ފޯވަޑް ފަބިއޯ ކަރްވާލިއޯގެ ސޮއި ހޯދައިފިއެވެ.

ފަބިއޯ ކަރްވާލިއޯ، 19، ލިވަޕޫލަށް ސޮއިކުރީ 10 މިލިއަން ޑޮލަރަށެވެ. ފުލަމްއާއެކު ކަރްވާލިއޯ ހަދާފައިވާ އެއްބަސްވުން އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ހަމަވުމުން އޭނާ ލިވަޕޫލާ ގުޅޭނެ އެވެ. އޭނާ އަކީ ލިވަޕޫލުން އަންނަ ސީޒަނަށް ކްލަބުގެ ސްކޮޑު ވަރުގަދަ ކުރުމުގެ އަލަށް ގެނައި ފުރަތަމަ ކުޅުންތެރިއާ އެވެ. ރިޕޯޓުތައް ބުނާގޮތުން ކަރްވާލިއޯ ލިވަޕޫލްގެ ޕްރީ ސީޒަން ދަތުރުގައި ބައިވެރިވާނެ އެވެ.

މީގެ ހަތް އަހަރު ކުރިން ޕޯޗުގަލްގެ ބެންފީކާ އިން ފުލަމްގެ އެކެޑަމީއާ ގުޅުނު ކަރްވާލިއޯ އަކީ އިނގިރޭސި ޗެމްޕިއަންޝިޕުގައި މިފަހަރު އެންމެ މޮޅަށް ކުޅުނު އެކެކެވެ. ފުލަމުން ޗެމްޕިއަންޝިޕް ތަށި އުފުލާލުމުގައި މުހިއްމު ރޯލެއް އަދާކުރި ކަރްވާލިއޯ ވަނީ ޗެމްޕިއަންޝިޕުގައި ކުޅުނު 38 މެޗުގައި 11 ގޯލް ޖަހައިފައެވެ.

ކަރްވާލިއޯ އަށް ވަނީ ޔޫރަޕުގެ ގިނަ ކްލަބުތަކެއްގެ ލޯ އަމާޒުވެފައެވެ. ޗެމްޕިއަންޝިޕުގައި ދެއްކި މޮޅު ކުޅުމާއެކު ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ކަރްވާލިއޯ އަށް ކްލަބުތަކުން ބިޑު ކުރުމުގެ ކުރިން ލިވަޕޫލުން ވަނީ މިދިޔަ އެޕްރިލް މަހުގެ ތެރޭގައި އޭނާ ލިވަޕޫލަށް ގެނައުމަށް ފުލަމް އާއެކު އެއްބަސްވުމަކަށް އައިސްފައެވެ. އަދި މިދިޔަ މަހު ކަރްވާލިއޯ ވަނީ ލިވަޕޫލާއެކު މެޑިކަލް ހަދައި ކޯޗު ޔާގަން ކްލޮޕްއާ ވެސް ބައްދަލުކޮށްފައެވެ. މިހާ ހިސާބަށް އޭނާގެ ޓްރާންސްފާ އާ ބެހޭ މައުލޫމާތެއް މީޑިއާއާ ހިއްސާކޮށްފައިނުވަނީ ފުލަމްއާއެކު ޗެމްޕިއަންޝިޕް ސީޒަން ނިމެންދެން އެކަން އިއުލާނު ނުކުރަން ކަރްވާލިއޯ އެދިފައި ވުމުން ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އުމުރުން ހަގު އަދި ޕްރިމިއަ ލީގުގެ އެއްވެސް ތަޖުރިބާ އެއް ނެތް ނަމަވެސް ކަރްވާލިއޯ ލޯނު އުސޫލުން އެހެން ކްލަބަކަށް ދޫކޮށްލުމުގެ ވިސްނުމެއް ލިވަޕޫލްގެ ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.