އިންގްލަންޑުގެ މެންޗެސްޓަ ސިޓީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވަޑް ގެބްރިއެލް ޖެސުސް ހޯދުމުގެ ރޭހަށް ޓޮޓެންހަމް ހޮޓްސްޕާސް އަރައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޖެސުސް. 25، ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ބަދަލުގައި އާސެނަލް އަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް އަރައިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. އިނގިރޭސިވިލާތުގެ ރިޕޯޓުތައް ބުނާގޮތުން އާސެނަލްގެ އިތުރުން ޓޮޓެންހަމުން ވެސް މިހާރު ވަނީ ޖެސުސް އަށް ބިޑު ކުރުމަށް ތައްޔާރު ވަމުންނެވެ.

މެންޗެސްޓަ ސިޓީން ޖެސުސްގެ އަގަކަށް ކަނޑައަޅާފައިވަނީ 50 މިލިއަން ޕައުންޑެވެ. ޖެސުސް ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެއް ކަމުން މި ވަރުގެ ބޮޑު ފީއެއް ސިޓީ އަށް ދޭން ޓޮޓެންހަމުން ބޭނުން ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޓޮޓެންހަމް އަދި އާސެނަލުން ވެސް ތައްޔާރު ވަމުން އަންނަނީ 35 މިލިއަން ޕައުންޑުގެ އަގެއް ހުށަހެޅުމަށެވެ.

ބްރެޒިލްގެ ޕަލެމެއިރާސް އިން ޖެސުސް ސިޓީއާ ގުޅުނީ 2017 ވަނަ އަހަރުއެވެ. 27 މިލިއަން ޔޫރޯގެ ފީއެއްގައި ސިޓީއާ ގުޅި މިހާތަނަށް އެ ޓީމަށް 234 މެޗު ޖެސުސް ކުޅެފައިވާއިރު އޭނާ ވަނީ 95 ގޯލް ޖަހައިފައެވެ. ނަމަވެސް، ޕެޕް ގާޑިއޯލާގެ ތަރިންގެ ޓީމުން ޖާގަ ހޯދުމަކީ އެއްވެސް ކުޅުންތެރިއަކަށް ފަސޭހަކަމަކަށް ނުވެއެވެ.

ޖެސުސް އަށް މިހާރު ވެސް ސިޓީގެ ފުރަތަމަ އެގާރައިން ޖާގަ ލިބެނީ މަދު މެޗުތަކެއްގައެވެ. އަނެއްކޮޅުން ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުން އައި ނޯވޭގެ ތަރި އާލިންގް ބްރައުޓް ހާލަންޑުގެ ސޮއި ސިޓީން ހޯދާފައިވާއިރު ހާލަންޑް ސިޓީއާ ގުޅުމަކީ ޖެސުސް އަށް ދަނޑުމަތިން ލިބޭ ވަގުތު އިތުރަށް މަދުވެގެންދާނެ ސަބަބެކެވެ.