ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ ރޮލަންޑް ގެރޮސް ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުން އޮސްޓްރޭލިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިއާ ޑޮމިނިކް ތިއެމް ކަޓައިފިއެވެ.

ފްރެންޗް އޯޕަންގެ ފުރަތަމަ ބުރުގައި ތިއެމް ވާދަކުރީ އޭޓީޕީ ރޭންކިންގެ 90 ވަނައިގައި އޮތް ބޮލީވިއާގެ ހޫގޯ ޑެލިއަންއާ އެވެ. މި މެޗު ޑެލިއެން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-3 އަދި 6-2 އަދި 6-4 އިންނެވެ.

ތިއެމް އަކީ ދެ ފަހަރެއްގެ މަތިން ފްރެންޗް އޯޕަންގެ ފައިނަލުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. ދުނިޔޭގެ ރޭންކިންގެ ތިންވަނަ އަށް ވެސް އެރި ތިއެމް މިހާރު އޮތީ ރޭންކިންގެ 71 ވަނައިގައެވެ. މިދިޔަ އަހަރު ޖޫން މަހު އަތުގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށްފަހު ތިއެމް އެނބުރި ކުޅުމުގެ ތެރެއަށް އައީ މި އަހަރު އެވެ. ފްރެންޗް އޯޕަންގައި ތިއެމް ކުޅުނު މެޗަކީ މި އަހަރު އޭނާ ކުޅުނު ހަވަނަ މެޗެވެ. މި ހަ މެޗުން ވެސް ތިއެމް ވީ ބައްޔެވެ.

ފުރަތަމަ ބުރުގައި ތިއެމް ބަލިކުރި ޑެލިއަން ދެވަނަ ބުރުގައި ވާދަކުރާނީ ޕޯޗުގަލްގެ ނޫނޯ ބޯގަސް އާއި ކަރެން ކަޝްނޯވްއާ ކުޅެ މޮޅުވާ ކުޅުންތެރިއަކާ އެވެ.

ފްރެންޗް އޯޕަންގެ ފުރަތަމަ ބުރުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޖަރުމަނުގެ އެލެގްޒަންޑާ ޒްވެރެވް ވަނީ ޑެންމާކުގެ ސެބޭސްޓިއަން އޮފްނާއާ ކުޅެ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. ސްޕެއިންގެ 19 އަހަރުގެ ކާލޮސް އަލްކަރާޒް ވަނީ އާޖެންޓީނާގެ ހުއާން އިގްނާޝިއޯ ލޮންޑޭރޯ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. މިއާމީ އޯޕަން އަދި މެޑްރިޑް އޯޕަންގެ ޗެމްޕިއަން ކަން ހޯދި އަލްކަރާޒް އަކީ މިފަހަރުގެ ފްރެންޗް އޯޕަންގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ދެވަނަ ބުރުގައި އަލްކަރާޒް ކުޅޭނީ ސްޕެއިނުގެ އަލްބަޓް ރާމޮސްއާއެވެ.