ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ ރޮލަންޑް ގެރޮސް ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުގެ މެޗު ކާމިޔާބުކޮށް ދެވަނަ ބުރުން ސްޕެއިންގެ ރަފައެލް ނަޑާލް ޖާގަ ހޯދައިފިއެވެ.

ފްރެންޗް އޯޕަންގެ ފުރަތަމަ ބުރުގައި ނަޑާލް ވާދަކުރީ އޮސްޓްރޭލިއާގެ ޖޯޑަން ތޮމްސަންއާ އެވެ. މި މެޗު ނަޑާލް ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. ނަޑާލް ސެޓުތައް ގެންދިޔައީ 6-2، 6-2 އަދި 6-2 އިންނެވެ. މިއީ ނަޑާލް ފްރެންޗް އޯޕަންގައި ހޯދި 106 ވަނަ މޮޅެވެ. މިއާއެކު އޭނާ ވެފައިވަނީ ގްރޭންޑް ސްލޭމް މުބާރާތެއްގައި އެންމެ ގިނަ މެޗު ކާމިޔާބުކުރި ކުޅުންތެރިއާ އަށެވެ. ކުރިން މި ރެކޯޑު އޮތީ ވިމްބެލްޑަންގައި 105 މެޗު ކާމިޔާބުކުރި ސްވިޓްޒަލެންޑުގެ ރޮޖާ ފެޑެރާ އަތުގައެވެ.

ފްރެންޗް އޯޕަންގެ ދެވަނަ ބުރުގައި ނަޑާލް ކުޅޭނީ ފްރާންސްގެ ކޮރެންޓިން މޫޓެޓްއާ އެވެ. މި މެޗު ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ.

މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް، 21 ގްރޭންޑް ސްލޭމް ތަށި އުފުލާލި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދި ނަޑާލް ފްރެންޗް އޯޕަންއާ ކުރިމަތިލީ އަނިޔާގައި ހުރުމަށްފަހު އެވެ. ނަޑާލް އަށް އަނިޔާވީ ދާދ ފަހުން އިޓަލީގައި ކުޅުނު ރޯމް މާސްޓާސްގައެވެ. އެ މުބާރާތުގެ މެޗެއްގެ ތެރެއިން އޭނާގެ ފަޔަށް ވަނީ އަނިޔާވެފައެވެ. އަނިޔާގައި ހުރެ ވެސް ނަޑާލް ބޭނުންވީ މިފަހަރުގެ ފްރެންޗް އޯޕަންގައި ވާދަކުރާށެވެ.

ރިޕޯޓްތައް ބުނާގޮތުން މިއީ ނަޑާލް ފްރެންޗް އޯޕަންގައި ފެންނާނެ ފަހު ފަހަރު ކަމަށް ވުމުގެ ފުރުސަތު ބޮޑެވެ.

ނަޑާލް އަކީ ފްރެންޗް އޯޕަންގެ ތާރީހުގައިވެސް މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ކުޅުންތެރިއާ އެވެ. އޭނާ ވަނީ ރެކޯޑް 13 ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ.