އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މާދަމާ މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު، ސާބިއާގެ މަޔޮޑްރަގް ޖެސިކް ބުނެފި އެވެ.

މާދަމާ މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޖެސިކް ބުނީ، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގެ ކުރިން ބުނިގޮތަށް އެންމެ ފަހު ވަގުތާ ޖެހެންދެން މާޒިޔާއިން މަސައްކަތް ކުރާނެ ކަމަށެވެ.

މިގޮތުން މާދަމާގެ މެޗުގައި މާޒިޔާއަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދުވެސް އެބައޮތް ކަމަށާއި، ޓީމުގެ ރޫހުވެސް އޮތީ ވަރަށް ރަނގަޅަށް ކަމަށްވެސް ޖެސިކް ވަނީ ބުނެފައެވެ. އަދި އެއީ ލިބޭ އުފަލެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"އޭއެފްސީ ކަޕަށް ފުރުމުގެ ކުރިން ވަރަށް ރަނގަޅަށް ތައްޔާރުވިން. އަހަރުމެންނަށް އެނގޭ ކުޅެން ޖެހޭނީ ކޮލެޓީ ކުޅުންތެރިންނާ ދެކޮޅަށްކަން. އަހަރެން މިތަނުގައި މޯހަން ބަގާންގެ މޮޅު ކަންކަމާއި، ދެރަ ކަންކަމަށް ބަހެއް ބުނަން ބޭނުމެއް ނުވޭ. އެންމެ މުހިންމު ކަމަކީ މާދަމާ އަހަރުމެން ކުޅޭ ގޮތް" މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ޖެސިކް ބުންޏެވެ.

މި މެޗާ ބެހޭގޮތުން މޯހަން ބަގާންގެ ކޯޗު، ސްޕެއިންގެ ޖުއާން ފެރާންޑޯ ބުނީ، މާޒިޔާއަކީ ވަރަށް އޯގަނައިޒް ޓީމެއް ކަމަށާއި، އެޓީމާ ދެކޮޅަށް ކުޅެން ޖެހޭނީ ގޯސްތައް ނަހަދައި، ވަރަށް ވިސްނުންތެރިކަމާއެކު ކަމަށެވެ.

މޯހަން ބަގާން އިން ކުޅޭނީ މާޒިޔާ އަތުން މޮޅުވެ، ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހިފައި ދެން އޮތް ބުރަށް ދަތުރު ކުރަން ކަމަށް ފެރާންޑޯ ވަނީ ބުނެފައެވެ. އަދި އޭނާ ބުނީ، ކުރީގެ މެޗުތަކުގެ ނަތީޖާތަކަށްވުރެ މުހިންމީ މާދަމާގެ މެޗު ކަމަށާއި، އެގޮތުން ހުރިހާ ފޯކަސްއެއް ހުރީ މެޗަށް ކަމަށެވެ.

ސެންޓްރަލައިޒްކޮށް ކުޅޭ މި ގްރޫޕްގައި މާޒިޔާއާއެކު ދެން ހިމެނޭ ގޯކުލަމް ކެރެލާ، ބަޝުންދަރާ ކިންގްސް އަދި މޯހަން ބަގާންއަށް ވެސް ލިބިފައިވަނީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ގްރޫޕްގެ އެއްވަނައިގައި މޯހަން ބަގާން އޮތްއިރު، ދެވަނައިގައި އޮތީ ގޯކުލަމް ކެރެލާއެވެ. އަދި ތިން ވަނައިގައި މާޒިޔާ އޮތްއިރު، ފުލުގައި އޮތީ ބަޝުންދަރާ ކިންގްސްއެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދެ ޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ،ބަލަނީ ހެޑް ޓު ހެޑަށެވެ. ނަމަވެސް، ދެ ޓީމަށް ވުރެ ގިނަ ޓީމު ޕޮއިންޓުން އެއްވަރުވެއްޖެނަމަ ދެން ބަލާނީ ފައިދާ ގޯލަށެވެ.

މިއާއެކު، މާދަމާ ބަޝުންދަރާ އަދި ގޯކުލަމް ކެރެލާ ބައްދަލުކުރާ މެޗުން ބަޝުންދަރާ މޮޅުވެއްޖެނަމަ، މާޒިޔާ ކަޓާނެއެވެ. އަދި މާދަމާ ގޯކުލަމް ކެރެލާއިން ބަޝުންދަރާ ބަލިކޮށްފިނަމަ، މޯހަން ބަގާން ކަޓާނެއެވެ.

މާދަމާ ހަވީރު ގޯކުލަމްއާ ދެކޮޅަށް ބަޝުންދަރާ ނިކުންނާނީ ހަވީރު 16:00 ޖަހާއިރެވެ. އަދި މާޒިޔާ އިން މޯހަން ބަގާންއާ ދެކޮޅަށް ނިކުންނާނީ މާދަމާ ރޭ ރާއްޖެ ގަޑިން 20:00 ޖަހާއިރެވެ. މި ހުރިހާ މެޗެއްވެސް ކުޅެނީ އިންޑިއާގެ ކަލްކަޓާގައެވެ.