ފްރާންސްގައި މިހާރު ކުރިއަށްދާ ރޮލެންޑް ގެރޮސް ޓެނިސް މުބާރާތުގެ ދެވަނަ ބުރުން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ޖާގަ ހޯދިއިރު ސްވިޓްޒަލެންޑުގެ ސްޓަންސިލަސް ވައުރިންކާ ފުރަތަމަ ބުރުން ކަޓައިފިއެވެ.

ފުރަތަމަ ބުރުގައި ޖޮކޮވިޗް ވާދަކުރީ ދުނިޔޭގެ 99 ވަަނަ ރޭންކުގައި އޮތް ޖަޕާނުގެ ޔޮޝީޓޯ ނިޝިއޯކާއާ އެވެ. މި މެޗު ޖޮކޮވިޗް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ޖޮކޮވިޗް ގެންދިޔައީ 6-3، 6-1 އަދި 6-0 އިންނެވެ.

" މެޗުގައި އަހަރެންނަށް ކުޅެވުނު ގޮތާއިމެދު ހިތްހަމަޖެހޭ. ފުރަތަމަ ސެޓުގައި މެޗު ތެރެއަށް ވަންނަން އުނދަގޫވި. އޭނާ އަކީ ވަރަށް އަވަސް ކުޅުންތެރިއެއް. ފުރަތަމަ ސެޓު އުނދަގޫވި ނަމަވެސް ދެވަނަ އަދި ތިންވަނަ ސެޓުގައި އަހަރެންނަށް ކުޅެވިގެންދިޔަ ރަނގަޅަށް، " މެޗައްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ޖޮކޮވިޗް ބުންޏެވެ.

ޖޮކޮވިޗް ދެވަނަ ބުރަށް ދިޔައިރު ސްވިޓްޒަލެންޑުގެ ވައުރިންކާ ވަނީ ފުރަތަމަ ބުރުގައި ފްރާންސްގެ ކޮރެންޓިން މޫޓެޓް އަތުން ބަލިވެ މުބާރާތާ އަލްވަދާއު ކިޔައިފައެވެ. މޫޓެޓް މެޗު ކާމިޔާބުކުރީ 3 ސެޓް 2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ވައުރިންކާ 6-2 އިން ގެންދިޔަ ނަމަވެސް މޫޓެޓް ވަނީ ޖެހިގެން އައި ދެ ސެޓު 6-3 އަދި 7-6 އިން ކާމިޔާބުކޮށްފައެވެ. ފަސްވަނަ ސެޓުގައި މޮޅު ކުޅުމެއް ދައްކައި މޫޓެޓް މެޗު ކާމިޔާބުކުރީ 6-3 އިން ސެޓު ކާމިޔާބުކޮށްގެންނެވެ.

ތިން ފަހަރު ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ވައުރިންކާ އަށް ފަހަކަށް އައިސް އެކަށޭނެ ކުޅުމެއް ނުދެއްކެ އެވެ. ވައަތު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުރި އޮޕަރޭޝަނަށްފަހު އޭނާ އަށް ގިނަ މުބާރާތްތަކެއް ގެއްލުނު އިރު ރޭގެ މެޗަކީ 15 މަސް ދުވަސް ތެރޭ އޭނާ ކުޅުނު ފަސްވަނަ މެޗެވެ.