އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ފްރާންސްގެ ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އިން ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯންގް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ބާސެލޯނާގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ވިއްކާލަން ނިންމާފައިވާ ކުޅުންތެރިންތަކުގެ ތެރޭގައި ޑި ޔޯންގް ހިމެނެއެވެ. ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ބާސާ އޮތީ އޭނާ ވިއްކާލަން ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް، ޑި ޔޯންގެ ކުރިމަގާ ބެހޭގޮތުން ބާސާގެ ކޯޗް ޒަވީ ހާނަންޑެޒް ސީދާ ޖަވާބެއް މިހާތަނަށް ނުދެއެވެ.

ފްރާންސްގެ ރިޕޯޓުތަކުގައިވާ ގޮތުން ޑި ޔޯންގް އަކީ ޕީއެސްޖީގެ ސްޕޯޓިންގް ޑައިރެކްޓަރު ކަމާ ހަވާލުވާން އުޅޭ ލުއިސް ކަމްޕޯސްގެ ޝައުގު ހުރި ކުޅުންތެރިއެކެވެ. އަދި ކުރިއަށް އޮތް ސީޒަނަށް ޕީއެސްޖީގެ މެދުތެރެ ވަރުގަދަ ކުރުމަށް ގެންނަން ނިންމާފައިވާ ކުޅުންތެރިންގެ ލިސްޓުގައި ޑި ޔޯންގް ހިމެނެއެވެ. ޕީއެސްޖީން ވަނީ 2018 ވަނަ އަހަރު ވެސް ޑި ޔޯންގް ހޯދަން މަސައްކަތް ކޮށްފައެވެ.

ޑި ޔޯންގް އަކީ ބާސާގެ ލެޖެންޑް އަންދްރެސް އިނިއެސްޓާގެ ފަހުން ޓީމުގެ މިޑްފީލްޑަށް ކުރިމަތިވި ހުސްކަން ފިލުވަން ގެނައި ކުޅުންތެރިއެކެވެ. އުމުރުން މިހާރު 25 އަހަރުގެ މިޑްފީލްޑަރު މީގެ ތިން އަހަރު ކުރިން ނެދަލެންޑްސްގެ އަޔެކްސް އިން ބާސާ އާ ގުޅުނީ 75 މިލިއަން ޔޫރޯގެ ފީއެއްގެ ދަށުންނެވެ. އަހަރަކު 12 މިލިއަން ޔޫރޯގެ މުސާރައެއް ދޭ ގޮތަށް ބާސާ އިން ޑި ޔޯން އަށް ދިން ކޮންޓްރެކްޓް ހަމަވާނީ 2026 ގަ އެވެ. އިނިއެސްޓާގެ ރިޕްލޭސްމެންޓްގެ ގޮތުގައި ގެނައި ޑި ޔޯން އަށް އަޔެކްސްގައި އޭނާ ދެއްކި ޖާދޫއެއް ބާސާގައި ނުދެއްކުނެވެ.

ޕީއެސްޖީގެ އިތުރުން މިހާތަނަށް ޑި ޔޯން އަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މެންޗެސްޓަ ޔުނައިޓެޑުންނެވެ. ވަކިން ހާއްސަކޮށް ޔުނައިޓެޑުގެ ކޯޗަކަށް އަޔެކްސްގައި ޑި ޔޯން އަށް އިރުޝާދު ދިން އެރިކް ޓެން ހާގު ހަމައްޖެއްސި ހިސާބުން އޭނާ އަށް ޔުނައިޓެޑުން ވަނީ ފާރަލާން ފަށައިފައެވެ.