އޭއެފްސީ ކަޕްގައި ބަޝުންދަރާ ކިންގްސް އިން ގޯކުލަމް ކެރެލާ 1-2 ގެ ނަތީޖާއަކުން ބަލިކުރުމުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަޓައިފިއެވެ.

މިއާއެކު، ބަޝުންދަރާ ވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް މޯހަން ބަގާން އަދި ތިން ވަނައިގައި އޮތް މާޒިޔާއަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ގޯކުލަމް ކެރެލާއެވެ.

މުބާރާތުގެ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު މާޒިޔާއަށް ގެއްލުނީ މިރޭ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށް މިރޭ އެޓީމު ކުޅޭ މެޗުން މޮޅުވިޔަސް، ހެޑްޓުހެޑަށް ބަލާއިރު، ބަޝުންދަރާއަށް ކުރި ލިބޭނެތީއެވެ. އެއީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މާޒިޔާގެ މައްޗަށް ބަޝުންދަރާއިން 0-1 ގެ ނަތީޖާއަކުން ކުރި ހޯދާފައިވާތީއެވެ. ނަމަވެސް މިރޭ މޯހަން ބަގާން މޮޅުވެއްޖެނަމަ، ހެޑްޓުހެޑަށް ބަލައި ބަޝުންދަރާއަށް ސެމީގެ ފުރުސަތު ގެއްލޭނެއެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދެ ޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ، ބަލަނީ ހެޑް ޓު ހެޑަށެވެ. ނަމަވެސް، ދެ ޓީމަށް ވުރެ ގިނަ ޓީމު ޕޮއިންޓުން އެއްވަރުވެއްޖެނަމަ ދެން ބަލާނީ ފައިދާ ގޯލަށެވެ.

މިއަދު ހަވީރު ބަޝުންދަރާ އަދި ގޯކުލަމް ކެރެލާ ބައްދަލުކުރި މެޗުގައި ބަޝުންދަރާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މި ލަނޑު 36 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބީނިއޯއެވެ.

އަދި ބަޝުންދަރާއިން ވަނީ 54 ވަނަ މިނެޓުގައި މަރޮންގެ ލަނޑުން ލީޑު ފުޅާކޮށްފައެވެ. މި މެޗުގައި ގޯކުލަމް ކެރެލާގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފްލެޗާއެވެ.