ޕީއެސްޖީގައި އެމްބާޕޭ މަޑުކުރަން ނިންމުމުން ރުޅި ނާންނަ ކަމަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ ބުނެފިއެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ހަމަވުމުން އޭނާ ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް ބެލެވުނު ނަމަވެސް، އޭނާ ވަނީ 2025 ވަނަ އަހަރުގެ ނިޔަަލަށް ޕީއެސްޖީގައި މަޑުކުރަން އެއްބަސްވެފައެވެ. މިއާއެކު، އެމްބާޕޭއަށް ގިނަ ބައެއްގެ ފާޑު ކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ނަމަވެސް ފްރާންސްގެ ނޫހެއް ކަމަށްވާ "ކެނަލްޕްލަސް" އަށް ދިން އިންޓަވިއުއެއްގައި ބެންޒެމާ ބުނީ، ޕީއެސްޖީގައި މަޑުކުރަން އެމްބާޕޭ ނިންމުމަކީ އޭނާގެ އަމިއްލަ ކަމެއް ކަމަށެވެ. ނަމަވެސް ކުރިންވެސް ބުނެފައިވާހެން އެމްބާޕޭއާ އެއްކޮށް ރެއާލްގައި ކުޅެން ބޭނުންވާ ކަމަށް ބެންޒެމާ ވަނީ ބުނެފައެވެ.

އެކަމާ ބެހޭގޮތުން ވާހަކަދައްކަން ބޭނުން ނުވާކަން ފާހަގަކޮށް ބެންޒެމާ ބުނީ، އެމްބާޕޭއާ މެދު އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށާއި، އޭނާގެ ހުރިހާ ފޯކަސްއެއް ހުރީ ލިވަޕޫލްއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗަށް ކަމަށެވެ.

"އަހަރެންގެ ހުރިހާ ފޯކަސްއެއް ހުރީ ހޮނިހިރު ދުވަހު ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗަށް. އެހެން އެއްވެސް ކަމަކާ ބެހޭގޮތުން ވާހަކަދައްކަން ބޭނުމެއްވެސް ނޫން. މިއީ ތިކަހަލަ ކުދި ކުދި ކަންކަމާ ބެހޭގޮތުން ވާހަކަދައްކަންވީ ވަގުތެއްވެސް ނޫން" ފްރާންސްގެ ކެނަލްޕްލަސްއަށް ދިން އިންޓަވިއުގައި ބެންޒެމާ ބުނިއެވެ.

ބެންޒެމާ މިހެން ބުނެފައިވާއިރު، އެމްބާޕޭ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ، ރެއާލްއަށް ކުޅުމުގެ ހުވަފެން އަދިވެސް ނިމުމަކަށް އައިސްފައި ނުވާ ކަމަށާއި، ޗެމްޕިއަންސް ލީގު ފައިނަލުގައި ލިވަޕޫލްއާ ދެކޮޅަށް ރެއާލް ކުޅޭ މެޗުގައި އޭނާ ސަޕޯޓު ކުރާނީވެސް ރެއާލްއަށް ކަމަށެވެ.

ބެންޒެމާ އަދި އެމްބާޕޭއަކީ ފްރާންސް ގައުމީ ޓީމަށް އެކުގައި ކުޅޭ ދެ ކުޅުންތެރިންނެވެ. އަދި މި ދެ ކުޅުންތެރިންނަކީ ދަނޑުން ބޭރުގައިވެސް ވަރަށް ގާތްކޮށް އުޅޭ ދެ ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ.