އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ފިރިހެން ފުޓުބޯޅަ ޓީމު އަދި 17 އަހަރުން ދަށުގެ ފިރިހެން ފުޓުބޯޅަ ޓީމު ވަރުގަދަ ގްރޫޕަކަށް ލައްވާލައިފިއެވެ.

އުޒްބަކިސްތާނުގައި 2023 ވަނަ އަހަރު ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކުޅޭ ކޮލިފައިން ބުރުގައި ރާއްޖޭގެ ޒުވާން ޓީމު ލައްވާލާފައިވަނީ އޭ އަށެވެ.

ޖުމްލަ ހަތް ގްރޫޕް ހިމެނޭ ކޮލިފައިންގައި ރާއްޖެއާއެކު ގްރޫޕް އޭގައި ހިމެނެނީ ޗައިނާ، މިޔަންމާ، އުޒްބަކިސްތާން އަދި މި ގްރޫޕް ހޮސްޓްކުރާ ސައުދި އަރަބިއްޔާއެވެ.

ޖުމްލަ 44 ޓީމު ވާދަކުރާ ކޮލިފައިންގެ މެޗުތައް އަންނަ ސެޕްޓެމްބަރު މަހުގެ 10 އިން 18 އަށް ކުރިޔަށްދާއިރު، މުބާރާތުން ޖާގަ ލިބޭނީ 16 ޓީމަށެވެ.

ބަހުރެއިންގައި 2023 ވަނަ އަހަރު ކުރިޔަށްދާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން ބުރުގައި ރާއްޖެ ހިމެނިފައިވަނީ ގްރޫޕް ޑީގައެވެ.

ޖުމްލަ ހަތް ގްރޫޕް ހިމެނޭ ކޮލިފައިންގައި ރާއްޖެއާއެކު މި ގްރޫޕްގައި ހިމެނިފައިވަނީ އިންޑިއާ، މިޔަންމާ، ކުވައިތު އަދި ގްރޫޕް ހޮސްޓްކުރާ ސައުދި އަރަބިއްޔާއެވެ.

ޖުމްލަ 44 ޓީމު ވާދަކުރާ ކޮލިފައިންގެ މެޗުތައް އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާއިރު، މުބާރާތުން ޖާގަ ލިބޭނީ 16 ޓީމަށެވެ.