ކުރިޔަށް އޮތް ސީޒަނުގައި ވެސް އިންގިރޭސި ޕްރެމިއާ ލީގުގެ ތަށި ކާމިޔާބު ކުރާނީ މެންޗެސްޓާ ސިޓީ ކަމަށް ކުރީގެ ސްޕެއިންގެ ފޯވާޑު ޑޭވިޑް ވިޔާ ބުނެފިއެވެ.

ޑޭވިޑް ވިޔާ ވަނީ ޕެޕް ގާޑިއޯލާ އަށް ތާއީދު ކޮށް 2009 ގެ ފަހުން ޖެހި ޖެހިގެން ދެވަނަ ފަހަރު އިންގިރޭސި ޕްރެމިއާރ ލީގު ކާމިޔާބު ކުރާނެ ފުރަތަމަ ޓީމަކީ މެންޗެސްޓާރ ސިޓީ ކަމަށް ބުނެފައެވެ. ގާޑިއޯލާގެ ދަށުން އޭނާ ވަނީ ބާސެލޯނާ އަށް ކުޅެފައެވެ.

9 އަހަރު ކުރިން އެންމެ ފަހުން ޖެހި ޖެހިގެން ދެފަހަރު ޕްރެމިއާރ ލީގު ތަށި ކާމިޔާބު ކޮށްފައިވަނީ މެންޗެސްޓާރ ޔުނައިޓެޑެވެ. ސާރ އެލެކްސް ފާގަސަންގެ ކޯޗު ކަމުގެ ދަށުގައި އެ އަހަރު މެންޗެސްޓާރ ޔުނައިޓެޑުން ވަނީ ޖެހި ޖެހިގެން 3 ވަނަ ފަހަރު ތަށި ކާމިޔާބު ކޮށްފައެވެ.

މިދިޔަ ސީޒަނުގައި ވެސް ސިޓީ އާއި އެކު ތައްޓަށް ވާދަކުރި ޓީމަކީ މެންޗެސްޓާރ ޔުނައިޓެޑެވެ. ނަމަވެސް ޔުނައިޓެޑަށް ގާޑިއޯލާގެ ޓީމު ހިފެހެއްޓޭ ގޮތް ވަނީ ނުވެފައެވެ. ތަށި ކާމިޔާބު ކުރި އިރު މެންޗެސްޓާރ ސިޓީ އިން ވަނީ 100 ޕޮއިންޓު ހޯދައި 106 ލަނޑު ކާމިޔާބު ކޮށްފައެވެ.

ސީޒަނުގެ ތެރޭގައި ކުޅުނު 38 މެޗުގެ ތެރެއިން ސިޓީ ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެއީ ލިވަޕޫލް އަދި މެންޗެސްޓާރ ޔުނައިޓެޑާއި ކުޅެގެންނެވެ. މީގެ އިތުރުން ގާޑިއޯލާ ވަނީ ކުރިޔަށް އޮތް ސީޒަނަށް ސްކޮޑް ވަރުގަދަ ކުރުމަށް ލެސްޓާ ސިޓީ އިން ރިޔާދް މަހްރޭޒް ގެނެސްފައެވެ.

"އަހަރެން ގަބޫލު ކުރާގޮތުން ގާޑިއޯލާ އަކީ ވަރަށް މޮޅު ކޯޗެއް. ސިޓީ އަކީ ރަނގަޅު ޓީމެއް. އޭނާ އަށް ސިޓީގެ ސަޕޯޓަރުންގެ ފަރާތުން ވެސް ހިތްވަރު ލިބޭ. ސިޓީ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ޓީމު، އަހަރެން ގަބޫލު ކުރާގޮތުގައި މިފަހަރުވެސް ސިޓީ އިން ޕްރެމިއާރް ލީގު ކާމިޔާބު ކުރާނެ." ޑޭވިޑް ވިޔާ ބުންޏެވެ.