ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ހަރަދު ކުރަން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އަށް 200 މިލިއަން ޕައުންޑުގެ ބޮޑު ބަޖެޓެއް ދިނުމަށް ކްލަބުގެ އާ ވެރިން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރަޝިއާ އިން ޔުކްރެއިނަށް އަރައިގަނެ ކުރަމުންދާ ހަނގުރާމައާ ހެދި އިނގިރޭސި ސަރުކާރުން ރަޝިއާ އަށް ވާގިވެރިވާ ފަރާތްތަކަށް ކުރިމަތިކުރުވި ފިއްތުންތަކާ ހެދި ޗެލްސީގެ ވެރިޔާ، ރަޝިޔާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް އެ ކްލަބު ވިއްކާލަން ނިންމީ މިދިޔަ މާޗް މަހުގެ ކުރީކޮޅުއެވެ. އޭގެ ފަހުން ވަގުތީ ލައިސެންސެއްގެ ދަށުން ޗެލްސީ ހިންގަމުން އަންނައިރު އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ، އުފައްދާފައިވާ ކޮންސޯޓިއަމް ގްރޫޕުން ޗެލްސީ ގަންނަން ހުށަހަޅާފައިވާ ބިޑަށް އެ ކްލަބުން ވަނީ އެއްބަސްވެފައެވެ.

ކޮންސޯޓިއަމުން ވަނީ ޗެލްސީ ގަންނަން 4.25 ބިލިއަން ޕައުންޑް (5.2 ބިލިއަން ޑޮލަރު) ހުށަހަޅައިފަ އެވެ. އިނގިރޭސި ސަރުކާރާއި ޕްރިމިއާ ލީގުން ވެސް ވަނީ އެ ހުށަހެޅުން ރަސްމީކޮށް ބަލައިގެންފައެވެ.

އިނގިރޭސި ސަރުކާރުން އޭރު އެޅި ފިޔަވަޅުތަކާއެކު ޗެލްސީގެ ހިންގުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. އާ ކުޅުންތެރިން ގަނެ، ކުޅުންތެރިންގެ ކޮންޓްރެކުޓު އާ ކުރުން ފަދަ ކަންތައްތައް އޮތީ މަނާކޮށްފައެވެ. އެހެންނަމަވެސް، ޓޮޑް ބޯލީގެ ގްރޫޕުން ހުށަހަޅާފައިވާ ބިޑު އިނގިރޭސި ސަރުކާރުން ރަސްމީކޮށް ބަލައިގަންނަން ނިންމާފައިވުމުން ކުރިއަށް އޮތް ތަނުގައި ޗެލްސީގެ ހިންގުމަށް އެއްވެސް ހުރަހެއް ކުރިމަތިވާނެކަމަށް ނުބެލެވެއެވެ.

އިނގިރޭސިވިލާތުގެ ރިޕޯޓުތައް ބުނާގޮތުން ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ޓީމު ވަރުގަދަ ކުރުމަށް ކުޅުންތެރިން ގަތުމަށް ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް އަށް 200 މިލިއަން ޕައުންޑުގެ ބަޖެޓެއް ދިނުމަށް ކްލަބާ އަލަށް ހަވާލުވާން އުޅޭ ގްރޫޕުން ވަނީ ނިންމައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ޓުޗެލް ބޭނުންވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމުގެ ފަހަތް ވަރުގަދަ ކުރާށެވެ. މި ސީޒަނަށް ފަހު ޗެލްސީގެ ޑިފެންސުގައި ހިމެނޭ މުހިއްމު ކުޅުންތެރިންތަކެއްގެ ކޮންޓްރެކްޓް ހަމަވާއިރު އިނގިރޭސި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ޗެލްސީ އަށް އެ ކުޅުންތެރިން ކުލަބުގައި ބައިތިއްބަން މާބޮޑު ކަމެއް ނުކުރެވެ އެވެ. ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ސްޕެއިނުގެ ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެފައިވާއިރު އަންދްރެއާސް ކްރިސްޓެންސަން އާއި ސެޒާ އަޒްޕިލިކުއެޓާގެ އިތުރުން ލެފްޓް ބެކް މާކޮސް އޮލޮންސޯ ވެސް މި ސީޒަނަށްފަހު ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.

ޗެލްސީގެ ޓްރާންސްފާ ޓާގެޓު ލިސްޓުގައި ތިބި ކުޅުންތެރިންގެ ތެރޭގައި ސްޕެއިނުގެ ސެވިއްޔާގެ ޑިފެންޑަރު ޖޫލްސް ކުންޑޭގެ އިތުރުން ޖަރުމަނުގެ އާރުބީ ލައިޕްޒިގުގެ ޑިފެންޑަރު ޔޮސްކޯ ގްވާޑިއޯލް ހިމެނެއެވެ. ޑިފެންޑަރުންގެ އިތުރުން ޓީމުގެ އެޓޭކު ވަރުގަދަ ކުރުމުގެ ގޮތުން މެންޗެސްޓަ ސިޓީ އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންގް އަށް ވެސް ޗެލްސީން އަންނަނީ ފާރަލަމުންނެވެ.