ނިމިދިޔަ އިނގިރޭސި ޕްރިމިއަ ލީގު ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ވެސްޓް ހަމް ޔުނައިޓެޑުގެ ތަރި ޖެރޮޑް ބޮވެން އަށް އިނގިރޭސި ގައުމީ ޓީމުން ޖާގަ ދީފިއެވެ.

އަންނަ ޖޫން މަހު އިންގްލަންޑު ކުޅޭ ޔުއެފާ ނޭޝަންސް ލީގުގެ ހަތަރު މެޗަށް ނެގި ސްކޮޑުން ބޮވެން އަށް ކޯޗު ގެރެތް ސައުތުގޭޓު ޖާގަ ދިންއިރު މިއީ ބޮވެން އަށް ގައުމީ ޓީމުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ވެސްޓް ހަމް ޖާޒީގައި ބޮވެން ވަނީ މިފަހަރު މޮޅު ކުޅުމެއް ދައްކައިފައެވެ. ލީގުގެ ހަތް ވަނައިގައި ނިންމައި ކުރިއަށް އޮތް ސީޒަނުގެ ޔުއެފާ ކޮންފެރެންސް ލީގުން ޖާގަ ހޯދައި އަދި ޔުރޮޕާ ލީގުގެ ސެމީ އަށް ވެސްޓް ހަމް ގެންގޮސްދިނުމުގައި ބޮވެންގެ ދައުރު ބޮޑެވެ. އޭނާ ވަނީ މި ސީޒަނުގައި ކުޅުނު 51 މެޗުގައި މުޅިއެކު 18 ގޯލް ޖަހައި އިތުރު 13 ގޯލް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.

ސައުތުގޭޓް ފުރުސަތު ދިން އެހެން ކުޅުންތެރިންނަށް ބަލާއިރު ލީޑްސް ޔުނައިޓެޑުގެ ކެލްވިން ފިލިޕްސް، ނިއުކާސަލް ޔުނައިޓެޑުގެ ކިއެރަން ޓްރިޕިއަ އަދި ލެސްޓާ ސިޓީގެ ޖޭމްސް ޖަސްޓިންގެ އިތުރުން އިޓަލީގެ އޭސީ މިލާނާއެކު އިޓާލިއަން ލީގު އުފުލާލި ފިކާޔޯ ޓޮމޯރީ ހިމެނެއެވެ.

ނޭޝަންސް ލީގު މެޗުތަކަށް ނެގި ސްކޮޑުން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ފުރުސަތު ދީފައިނުވާއިރު ޖާގަ ލިބުނު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނެނީ ވެސްޓް ހަމްގެ ޑެކްލަން ރައިސް އާއި ކްރިސްޓަލް ޕަލަސްގެ ކޮނޯ ގަލަގާ އާއި ސައުތެމްތަންގެ ޖޭމްސް ވާޑް ޕްރައުސްގެ އިތުރުން ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޫޑް ބެލިންގްހަމް އަދި ޗެލްސީގެ މޭސަން މައުންޓެވެ.

ނޭޝަންސް ލީގުގައި އިންގްލަންޑް ހިމެނެނީ ލީގް އޭ ގެ ގްރޫޕް ތިނެއްގައެވެ. މި ގްރޫޕުގައި އިންގްލަންޑުގެ އިތުރުން ހިމެނެނީ ހަންގެރީ އާއި އިޓަލީގެ އިތުރުން ޖަރުމެނެވެ. ނޭޝަންސް ލީގުގައި ޖޫން މަހު އިންގްލަންޑް ހަތަރު މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ހަންގެރީ އާ ކުޅޭއިރު ދެވަނަ މެޗުގައި ވާދަކުރާނީ ޖަރުމަނާ އެވެ. އޭގެ ފަހުން ވެމްބްލީގައި އިންގްލަންޑު ކުޅޭނީ އިޓަލީ އަދި ހަންގެރީއާ އެވެ.