އިނގިރޭސި ޕްރިމިއަ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި އަނިޔާވި އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ، އަނިޔާއިން ރަނގަޅުވެ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

މީގެ ދެ ހަފުތާ ކުރިން ފަބީނިއޯ އަށް އަނިޔާވުމާއެކު ކުރިއަށް އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި އޭނާ އަށް ކުޅެވިދާނެކަމާމެދު ސުވާލު އުފެދުނެވެ. އެހެންނަމަވެސް، މިއަދު ލިވަޕޫލުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ފަބީނިއޯ ބައިވެރިވުމުން އަންނަ ހޮނިހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މުހިއްމު ފައިނަލުގައި އޭނާ ފެނުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.

ފަބީނިއޯގެ އިތުރުން ކަނާތު ބެކަށް ކުޅޭ ޖޯ ގޯމެޒް އަދި ސެންޓަ ބެކް ވާޖިލް ވެން ޑައިކް ވެސް ވަނީ އަނިޔާއިން ރަނގަޅުވެ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެވެ. މުހިއްމު ތިން ކުޅުންތެރިންގެ އެނބުރި އައުމާއެކު ކޯޗް ޔާގެން ކްލޮޕް އަށް ހިތްހަމަޖެހުން ލިބުނު ނަމަވެސް ލިވަޕޫލްގެ މެދުތެރެއަށް ކުޅޭ ތިއާގޯ އަލްކަންޓާރާ ހުރީ އަދިވެސް އަނިޔާގައެވެ. މިއަދުގެ ޓްރެއިނިންގް ސެޝަނުގައިވެސް ތިއާގޯ ބައިވެރިއެއްނުވެ އެވެ.

ތިއާގޯ އަށް އަނިޔާވީ ޕްރިމިއަ ލީގުގެ ފަހު މެޗުގައި ވުލްވްސްއާ ލިވަޕޫލް ވާދަކުރި މެޗުގައެވެ. އަނިޔާވީ ތިއާގޯގެ ފަލަމަސްގަނޑަށެވެ. އޭނާގެ އަނިޔާއާ ބެހޭގޮތުން ކްލޮޕް ބުނީ ރެއާލާ ދެކޮޅަށް ތިއާގޯ ކުޅުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ޖަރުމަނުގެ ބަޔާން މިއުނިކުން ލިވަޕޫލަށް ބަދަލުވި ތިއާގޯ އަކީ މިސީޒަނުގައި ލިވަޕޫލުން އެންމެ މޮޅަށް ކުޅުނު އެކެކެވެ.