ފްރާންސްގައި މިހާރު ކުރިއަށްދާ ރޮލެންޑް ގެރޮސް ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ޖާގަ ހޯދައިފިއެވެ.

ޖޮކޮވިޗް ތިންވަނަ ބުރުން ފުރުސަތު ހޯދީ ދެވަނަ ބުރުގެ މެޗުގައި މިރޭ ސްލޮވާކިއާގެ އެލެކްސް މޮލްކަން ބަލިކުރުމަށްފަހު އެވެ. ޖޮކޮވިޗް މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ޖޮކޮވިޗް ގެންދިޔައީ ފަސޭހަކަމާއެކު 6-2 އަދި 6-3 އިންނެވެ. ތިންވަނަ ސެޓުގައި މޮލްކަން ވަނީ މޮޅަށް ކުޅެ ޖޮކޮވިޗަށް ރަނގަޅު ފައިޓެއް ދީފައެވެ. މި ސެޓު ޖޮކޮވިޗް ކާމިޔާބުކުރީ 6-6 އިން އެއްވަރު ވެގެން ކުޅުނު ޓައި ބްރެކުގައި ކުރި ހޯދައިގެންނެވެ.

މުބާރާތުގެ ތިންވަނަ ބުރުގައި ޖޮކޮވިޗް ކުޅޭނީ ސްލޮވާކިއާގެ އަލްޔަޒް ބެޑެންއާއެވެ. މި މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުއެވެ.

ފްރެންޗް އޯޕަންގެ ދެވަނަ ބުރުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ދުނިޔޭގެ ތިންވަނަ ރޭންކުގައި އޮތް ޖަރުމަނުގެ އެލެގްޒަންޑާ ޒްވެރެވް ވަނީ ފަހަތުން އަރައި އާޖެންޓީނާގެ ސަބޭސްޓިއަން ބައެޒް ބަލިކޮށްފައެވެ. ފޯރިގަދަ ކުޅުމަކަށްފަހު ޒްވެރެވް މި މެޗު ކާމިޔާބުކުރީ 3 ސެޓު 2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ބައެޒް ގެންދިޔައީ 6-2 އަދި 6-4 އިންނެވެ. ޒްވެރެވް ވަނީ ޖެހިގެންއައި ތިން ސެޓުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި 6-1، 6-2 އަދި 7-5 އިން ސެޓުތައް ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ތިންވަނަ ބުރުން ޖާގަ ހޯދާފައިވާ ކުޅުންތެރިންގެ ތެރޭގައި އެމެރިކާގެ ޖޯން އިޒްނާ އާއި އިނގިރޭސިވިލާތުގެ ކެމެރަން ނޮރީގެ އިތުރުން އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްޒްމަން ހިމެނެއެވެ.