އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

އޭސީ މިލާނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން އިބްރަހިމޮވިޗްގެ ވައަތު ކަކުލުގެ އެންޓީރިއާ ކްރޫޝަލް ލިގަމެންޓް (އޭސީއެލް) އަށް ދިމާވެފައިވާ ހުރި މައްސަލައެއް ހައްލު ކުރުމަށް އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި މުޅިން ފިޓްވެ އިބްރަހިމޮވިޗް އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ހަތެއް ނޫނީ އަށް މަސް ދުވަސް ނަގާނެ ކަމަށެވެ.

އިބްރަހިމޮވިޗް ވަނީ އޭސީ މިލާނާއެކު މިފަހަރުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ލީގުގައި މިލާނަށް އަށް ގޯލް ޖަހައިދީފައެވެ.

މިލާނާއެކު އިބްރަހިމޮވިޗް ހަދާފައިވާ އެއްބަސްވުން އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. ދާދި ފަހުން އިންޓަވިއުއެއްގައި، މިލާންގައި ކެރިއަރު ނިންމާލަން ބޭނުންވާ ކަމަށް އިބްރަހިމޮވިޗް ވަނީ ބުނެފައެވެ. އަދި ފިޓް ކޮށް ހުރެއްޖެނަމަ ކުޅުން ހުއްޓާލަން ބޭނުން ނުވާ ކަމަށާއި ރިޓަޔާ ކުރުމާމެދު ބިރު ގަންނަ ކަމަށް އިބްރަހިމޮވިޗް ބުންޏެވެ.

"އަހަރެންނަށް ކުޅެވޭ އެންމެ ގިނަ ދުވަހަކަށް ކުޅެން ބޭނުން. މިލާނަށް ޕްރެޝަރު ކުރަންވީ އަހަރެންގެ ކޮންޓްރެކްޓު އާ ކުރަން. ކެރިއަރު ނިންމާލަން ބޭނުންވަނީ މިތަނުގައި. ސަބަބަކީ އަދިވެސް ހާސިލްކުރަން ބޭނުންވާ އަމާޒުތަކެއް އެބަހުރި. ބޭނުމަކީ ކުރިއަށް އޮތް ސީޒަނުގެ ލީގު ވެސް މިލާނަށް ކާމިޔާބުކޮށްދޭން. އަސްލު ހަގީގަތަކީ، ފުޓްބޯޅަ ކުޅުން ހުއްޓާލާ ދުވަހަކުން ވާނެގޮތެއް އަހަންނަކަށް ނޭނގޭ. އެހެންވެ ވަރަށް ބިރު ގަނޭ ކުޅުން ހުއްޓާލަން، " އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް މިހެން ބުނެފައިވަނީ އޭނާގެ އޮޕަރޭޝަނުގެ ކުރިންނެވެ. މުޅިން ފިޓް ވެގެން އެނބުރި ކުޅުމުގެ ތެރެއަށް އަންނައިރު އޭނާ އަށް 41 އަހަރު ވާނެއެވެ. އޭނާ އަށް ކުޅުމުގެ ތެރެއަށް އެންމެ އަވަހަށް ވެސް އާދެވޭނީ އަންނަ ސީޒަނުގެ މެދަކާ ހިސާބުންނެވެ. ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުމުން މިލާނުން އިބްރަހިމޮވިޗްގެ ކޮންޓްރެކްޓު އާ ނުކޮށްފިނަމަ އޭނާ ކުޅުން ހުއްޓާލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ސްވިޑަންގެ މަލްމޯ އިން ކެރިއަރު ފެށި އިބްރަހިމޮވިޗް ވަނީ ނެދަލެންޑްސްގެ އަޔެކްސް އާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި އޭސީ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އާއި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑް އަދި އެމެރިކާގެ އެލްއޭ ގެލެކްސީ އަށް ކުޅެފަ އެވެ. އިބްރަހިމޮވިޗް ވަނީ ކެރިއަރުގައި މިހާތަނަށް 14 ފަހަރު ލީގު ކާމިޔާބުކޮށް 500 އަށް ވުރެ ގިނަ ގޯލް ޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހިއެއްނުވޭ ދެން ރަނގަޅަށް ކުޅެވިދާނެހެނެއް. 40 ން މައްޗަށް އުމުރު ދިއުމުން ދެން ރިކަވާ ވިޔަސް މުޅިން ފިޓެއްނުވާނެ. މައުނައަކީ ބިރުގަތަސް ދެން ޖެހޭނީ ކުޅުން ހުއްޓާލާށޭ.

    1
    1