އަންނަ ސީޒަނުގައި ޔަގީނުންވެސް ކުޅޭނީ ލިވަޕޫލުން ކަމަށް އެ ޓީމަށް ކުޅެމުން އަންނަ މިސްރުގެ ވިންގާ މުހައްމަދު ސަލާހު ބުނެފިއެވެ.

ޕްރިމިއަ ލީގުގައި 23 ގޯލް ޖަހައި ސީޒަނުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ އެވޯޑް ހޯދި ސަލާހު ސީޒަން ނިމުމުން ލިވަޕޫލް ދޫކޮށްލަން އުޅޭ އަޑުތަކެއް މިފަހުން އެރިއެވެ. ސަލާހް ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާއިރު މިހާތަނަށް އާ ކޮންޓްރެކްޓަކާމެދު ދެ ފަރާތުން އެއްބަސްވުމަކަށް އާދެވިފައި ނުވަނީ ސަލާހު އެދޭ ފަދަ ބޮޑު މުސާރައެއް ހިމެނޭ ކޮންޓްރެކްޓެއް ލިވަޕޫލުން އޭނާ އަށް ނުދީގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިފަދަ ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައި ސަލާހް ބުނީ ކުރިއަށް އޮތް ސީޒަނުގައި ލިވަޕޫލަށް ކުޅޭނެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އޭނާ މިހެން ބުނެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ އޮންނަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފެރެންސްގައެވެ.

" ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފެށެން ގާތްވެފައި އޮއްވާ މީގެ ވާހަކަތައް ދައްކާކަށް ބޭނުމެއް ނުވޭ ހަގީގަތުގައި. އަހަރެންގެ ފޯކަސް ހުރީ ފައިނަލް މެޗަށް. އަހަރެން ބޭނުންވަނީ ކެޕްޓަން ހެންޑަސަން ތަށި އުފުލާލާތަން ދެކެން. އެހެންކަމުން އަމިއްލަ އެދުން ކުރިއަށް ނެރެ ކޮންޓްރެކްޓާ ބެހޭ ވާހަކަތައް ދައްކާކަށް ނެތިން. ޔަގީނުންވެސް އަންނަ ސީޒަނުގައި އަހަރެން ފެނިގެންދާނީ ލިވަޕޫލުން،" ސަލާހް ބުންޏެވެ.

އިޓަލީގެ އޭއެސް ރޯމާ އިން ލިވަޕޫލަށް ބަދަލުވެ ސަލާހް ވަނީ އެއް ލެވެލް އެއްގައި ކުޅުން ދަމަހައްޓައި ދުނިޔޭގެ އެންމެ ނުރައްކާތެރި ފޯވަޑުންގެ ލިސްޓުން ޖާގަ ހޯދައިފައެވެ. ލިވަޕޫލް ޖާޒީގައި މިހާތަނަށް ތިން ފަހަރެއްގެ މަތިން ސަލާހް ވަނީ ޕްރިމިއަ ލީގުގެ ރަން ބޫޓު ހާސިލްކޮށްފައެވެ.

ސަލާހް އަދި ކްލަބުގެ ވައަތު ސައިޑް ވިންގަށް ކުޅޭ ސެނެގަލްގެ ސާޑިއޯ މާނޭގެ ކޮންޓްރެކްޓުވެސް އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. މި ދެ ކުޅުންތެރިންކުރެ ކުޅުންތެރިއަކު އަދި މިހާތަނަށް އެއްބަސްވުން އާ ކުރަން ބޭނުންވާ ކަމުގެ އެއްވެސް އިޝާރާތެއް ދީފައިނުވާއިރު މާނޭ ވަނީ ޗެމްޕިއަންސް ލީގް ފައިނަލަށްފަހު ކުރިމަގާ ބެހޭގޮތުން ނިންމާފައިވާ ގޮތް ހާމަކުރާނެ ކަމަށް ބުނެފައެވެ.