ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި އިންގްލަންޑުގެ ލިވަޕޫލުން ސްޕެއިންގެ ރެއާލް މެޑްރިޑުގެ މައްޗަށް ފުރިހަމަ ކާމިޔާބީއެއް ހޯދާނެ ކަމަށް ލިވަޕޫލް އަދި ރެއާލަށް ވެސް ކުރިން ކުޅުނު އިނގިރޭސި ފޯވަޑް މައިކަލް އޮވެން ބުނެފިއެވެ.

ޔޫރަޕުގެ އެންމެ ބޮޑު ކްލަބު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށް ފްރާންސްގެ ވެރިރަށް ޕެރިސް ދޮންވެ ފައްކާވެފައިވާއިރު ފުޓްބޯޅަ އެނަލިސްޓުން ދަނީ މެޗުގެ ނަތީޖާ ނުކުންނާނެ ގޮތަކާމެދު ބަހުސް ކުރަމުންނެވެ. ދެ ޓީމުގައިވެސް ޔޫރަޕުގެ މަޝްހޫރު ކުޅުންތެރިންތައް އެބަތިއްބެވެ. ރެއާލް އަދި ލިވަޕޫލުން ވެސް ފައިނަލާ ކުރިމަތިލަނީ ކާމިޔާބު ޑޮމެސްޓިކް ސީޒަނަކަށްފަހު އެވެ.

ލިވަޕޫލް އަދި ރެއާލް ވަނީ މީގެ ތިން ސީޒަނުގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކޮށްފައެވެ. އެފަހަރު، 3-1 ގެ ނަތީޖާއަކުން ކުރިހޯދައި ރެއާލުން އެ ޓީމުގެ 13 ވަނަ ޗެމްޕިއަންސް ލީގު އުފުލާލިއެވެ.

2018 ވަނަ އަހަރުގެ ފައިނަލުގައި ރެއާލުން ލިވަޕޫލްގެ މައްޗަށް އަތްގަދަ ކުރިނަމަވެސް ހޮނިހިރު ދުވަހުގެ ރޭ ނުކުންނަ ނަތީޖާ އެއާ މުޅިން ތަފާތުވާނެ ކަމަށް ފުޓްބޯޅަ އެނަލިސްޓް އަދި ކުރީގެ ފޯވަޑް މައިކަލް އޮވެން ވަނީ ބުނެފައެވެ. ރެއާލް އަދި ލިވަޕޫލްގައިވެސް މޮޅަށް ކުޅުނު އޮވެން ހޮނިހިރު ދުވަހުގެ ރޭ ފައިނަލް ކާމިޔާބުކުރާނެ ކަމަށް ބުރަވަނީ ލިވަޕޫލް ކޮޅަށެވެ.

" އަހަރެން ދެކޭ ގޮތުގައި ލިވަޕޫލުން ފުދޭވަރަކަށް ފަސޭހަކަމާއެކީ ރެއާލް ބަލިކުރާނެ. މިވަގުތަށް ބަލާއިރު ލިވަޕޫލް ރެއާލަށް ވުރެ މާ ބޮޑު ތަނުންވެސް މޮޅު. ރެއާލުން ވެސް ފައިނަލަށް ދަތުރު ކުރީ ވަރަށް މޮޅަށް ކުޅެގެން. ޗެލްސީ އަދި މެންޗެސްޓަ ސިޓީ އަތުން އެމީހުން ކާމިޔާބު ހޯދި ގޮތް ތަފާތުވެފައި މޮޅު. އެކަމަކު، ތަޖުރިބާއަށް ބެލިނަމަވެސް ލިވަޕޫލް މާ މޮޅޭ އަހަންނަށް ބުނެވޭނީ، " އޮވެން ބުންޏެވެ.

އޮވެން ބުނީ ފައިނަލުގައި ލިވަޕޫލުން މެޗު ޑޮމިނޭޓް ކުރާނެ ކަމަށާއި ރެއާލުން ހިފާނީ ކައުންޓާގައި ގޯލެއް ޖެހޭތޯ ކަމަށެވެ. އަދި މެޗުގައި ރެއާލުގެ އެންމެ މުހިއްމު ހަތިޔާރަކަށް ވާނީ އެ ޓީމުގެ ބްރެޒިލް ވިންގާ ވިނިޝިއަސް ޖޫނިއާ ކަމަށް އޮވެން ބުންޏެވެ.

" ފައިނަލުގައި ލިވަޕޫލުން ބޯޅަ ގެންގުޅޭނެ ގިނަ ވަގުތު. ރެއާލުން ބަލާނީ ސަލާހު އަދި މާނޭ މެން ރަން ނެގުމަށް އެ ޓީމުގެ ޑިފެންސް ލައިނުގެ ފަހަތުން އެ ހުސް ތަންތަން ނުދެވޭތޯ. އެކަމަކު، އަހަންނަށް ހީވަނީ ރެއާލްގެ ބޭނުމަކީ އެގޮތަށް ފަހަތަށް ޖެހި ލިވަޕޫލް ލައްވައި ހައި ލައިނެއްގައި ކުޅުވައި ކައުންޓާގައި އެ ލައިން ފަހަނައަޅައި ދިއުންކަންނޭގެ. ލިވަޕޫލްގެ އެޓޭކަށް އާނޯލްޑް ކުރިއަށް ޖެހިލާ ވަގުތު ރެއާލްގެ ހަތިޔާރު ވިނިޝިއަސްގެ ބޭނުން އެމީހުން ހިފާނީ، " އޮވެން ބުންޏެވެ.

ލިވަޕޫލުން ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގައި ސްޕެއިންގެ ވިޔަރެއާލް ބަލިކުރުމަށްފަހުއެވެ. ރެއާލުން ފައިނަލުގެ ޖާގަ ހޯދީ ސެމީގައި ފަހަތުގައި އަރައި ސިޓީ ކަޓުވާލުމަށްފަހުއެވެ. މި ދެޓީމު ފްރާންސްގެ ޕެރިހުގައި ހުންނަ ޕީއެސްޖީގެ ދަނޑުގައި ވާދަކުރާ ފައިނަލް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 12:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕޮގުބާ

    މީހާދަމޮޅު މީހެއް ލިވަޕޫލް ލައްވާ ރެއާލުން ކުޅުވާތަ؟ މާނޭ އާއި ސަލާހު ކުރާކަންތަށް ރެއާލުން ނުބަލާނެ ތަޖުރިބާ ހުންނާނީ ރެއާލް މެޑްރިޑް

    7
    11
  2. Anonymous

    އަނަސް އަބްދުﷲ ތިއީ ލިވަޕޫލްގެ ސަޕޯޓަރެއް ދޯ. އާނ ދެން އެހެންވީމަތާ ހަބަރު ގެނެސްދޭއިރު ލިވަޕޫލް ކޮޅަށް ބުރަވާގޮތަށް ހަބަރު ގެނެސްދީފައޮތީ. ރެއާލް މޮޅުވާނެކަމަށް ބުނާ ތަޖުރިބާކާރުން ތިބިއިރު އެފަރާތްތަކުގެ ވާހަތަތައް ގެނެސް ނުދިނީ އެހެންވީމަ ކަމަށް ދެކެނީ.

    10
    9
  3. ޢަހަންމާ

    ޙޮނިހިރު ދުވަހުގެ ރޭ 00:00 އޭ ކިޔާބަލަ ކޮން 12:00 އެއްތަ

    9
    2
  4. ބެންޒި

    ޖޯކް.

  5. ލޮލް

    އޮންނާނެ މިހާރު އެއްޗެކޭ ބުނެވިފަ.....ދެން ލަ ލަ ލަ......އޮންނާނީ ތި ވާހަކަ އިދިކޮޅަށް ޖަހާފަ...