ވިކްޓްރީ ސްޕޯޓްސް ކްލަބުން ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ހަވާލުކޮށްފިއެވެ.

ވިކްޓްރީން ބުނީ، އެ ކްލަބުން ދިވެހި އަދި ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އެފްއޭއެމްއާ ހަވާލުކޮށްފައިވާ ކަމަށާއި، އަދި އެފްއޭއެމްގެ ފަރާތުން މި ފައިސާ ކުޅުންތެރިންނަށް ރައްދުކޮށްދޭން ހަމަޖެހިފައިވާ ކަމަށެވެ.

ވިކްޓްރީން އެފްއޭއެމްއާ ހަވާލުކޮށްފައިވަނީ 22 ދިވެހި ކުޅުންތެރިޔަކާއި، ހަތަރު ބިދޭސީ ކުޅުންތެރިޔަކަށް އެ ކްލަބުން ދޭން ޖެހޭ ފައިސާ ކަމަށްވާއިރު، އެއީ ކިހާވަރެއް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އެ ކްލަބުން ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ އަދަދު ދެނެގަނެފައިވަނީ އެފްއޭއެމް މެދުވެރިކޮށެވެ. އަދި ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ދެނެގަނެފައިވަނީ ފީފާ މެދުވެރިކޮށެވެ.

އެފްއޭއެމް އިން ވިކްޓްރީ ސަސްޕެންޑުކުރީ 2019 ވަނަ އަހަރެވެ. އެއީ ކުޅުންތެރިންނާއި، ކޯޗުންނަށް މުސާރަ ނުދޭ މައްސަލައިގެ އިތުރުން ކްލަބް ލައިސަންސިންގެ މައްސަލައިގައެވެ.

މިގޮތުން، ވިކްޓްރީގެ އާ ބޯޑުގެ އަމާޒަކީ ވީހާ އަވަހަށް އެ ކްލަބު ސަސްޕެންޝަނުން ސަލާމަތްކޮށް، ފުޓުބޯޅައިގައި ވާދަކުރުން ކަމަށްވާއިރު، އެ ކްލަބުން މިވަނީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އަދާކޮށްފައެވެ. ނަމަވެސް، އެ ކްލަބްގެ ސަސްޕެންޝަން އުވާލެވޭނީ އެފްއޭއެމްއިން އަޅާފައިވާ ފިޔަވަޅުތައް އެ އެސޯސިއޭޝަންގެ ކޮންގްރެސްގައި އުވާލާން ފާސްކުރުމުންނެވެ.