އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި އެންމެ މޮޅު ދެ ސްކޫލަކަށް ޏ. ފުވައްމުލަކުގެ މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އަދި ގދ. އަތޮޅު ތައުލީމީ މަރުކަޒް ހޮވިއްޖެއެވެ.

މުބާރާތުގައި އެމްޖޭއެސްއިން ވަނީ 13 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު ސްކޫލްގެ މަގާމު ހޯދުމުގެ އިތުރުން 13 އަހަރުން ދަށުގެ އަންހެން ބައިގެ ތިންވަނަ ހޯދާފައެވެ. މި އުމުރުފުރާއިން އެމްޖޭއެސް ކާމިޔާބު ހޯދީ 27 ސްކޫލާ ވާދަކޮށްގެންނެވެ.

މީގެއިތުރުން އެމްޖޭއެސް އިން ވަނީ 15 އަހަރުން ދަށުގެ ފިރިހެން ބައިގެ ތިންވަނަ އަދި 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ތިންވަނަވެސް ހޯދާފައެވެ.

މުބާރާތުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުން 17 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ހޯދާފައެވެ. އަދި އެ ސްކޫލުން ވަނީ 15 އަހަރުން ދަށުގެ ފިރިހެން ބައިން ދެވަނަ އަދި އަންހެން ބައިން ތިންވަނަ ހޯދުމުގެ އިތުރުން 17 އަހަރުން ދަށުގެ އަންހެން ބައިން ތިންވަނަވެސް ހޯދާފައެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުން މުބާރާތުގެ ދެ ރެކޯޑެއް މުގުރާލާފައިވާއިރު، އެ ސްކޫލްގެ އިބްރާހިމް ނާހިލް ނިޒާރު ވަނީ ގައުމީ އިންޑިވިޖުއަލް ތިން ރެކޯޑެއް މުގުރާލާފައެވެ. ފަސް ރަން މެޑަލްއާއެކު ނާހިލް މުބާރާތް ނިންމާލިއިރު، އޭނާ ވަނީ 17 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުގެ އެވޯޑު ހޯދާފައެވެ.

މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ބައިގެ އެއްވަނަ އަފީފުއްދީން ސްކޫލް ހޯދިއިރު، އެ ބައިގައި 29 ސްކޫލެއް ވަނީ ވާދަކޮށްފައެވެ. އަދި 15 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ އިސްކަންދަރު ސްކޫލް ހޯދިއިރު، އެ އުމުރުފުރާގެ އަންހެން ބައިގެ އެއްްނަ ހޯދީ ޖަލާލުއްދީން ސްކޫލެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ތެރެއިން --- ފޮޓޯ: އަދަދު

މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ބައިގެ އެއްވަނަ ސްކޫލަކަށް ޝަރަފުއްދީން ސްކޫލް ހޮވުނުއިރު، އެބައިގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވިފައިވަނީ ޝަރަފުއްދީންގެ ހައްވާ މިޒްނާ ފާއިޒްއެވެ. އަދި 19 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ހޯދިއިރު، މި އުމުރުފުރާގެ އަންހެން ބައިގެ އެއްވަނަ ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

މުބާރާތުގެ 15 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް އިސްކަންދަރު ސްކޫލްގެ ޔޫސުފް އަޔާން އާމިރު ހޮވުނުއިރު، މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވިފައިވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ފާތިމަތު މާއިން ފަރީދުއެވެ. އަދި 19 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް އިމާދުއްދީން ސްކޫލްގެ އަހުމަދު ވިޝާމް ހޮވުނުއިރު، މި އުމުރުފުރާގެ އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވިފައިވަނީ އާމިނަތު ލަޔާނާ މުހައްމަދުއެވެ.

މާލޭގައި ކުރިޔަށްދިޔަ މި މުބާރާތުގައި މާލެ އާއި އަތޮޅު ތެރެއިން ޖުމްލަ 47 ސްކޫލަކުން 1،839 އެތުލީޓުން ވާދަކޮށްފައިވާއިރު، މުބާރާތުގައި ވަނީ 13 ،15، 17، 19 އަހަރުން ދަށުގެ ކެޓަގަރީތަކުގައި ޖުމްލަ 102 އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ.