އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ލިވަޕޫލް އަށް ކާމިޔާބު ކުރެވިދާނެ ކަމަށް އެ ކްލަބާއި ދާދިފަހުން ގުޅުނު ޒެރްޑަން ޝަގީރީ ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ޝަގީރީ ލިވަޕޫލް އަށް ބަދަލުވީ 13 މިލިއަން ޕައުންޑުގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޝަގީރީ ލިވަޕޫލް އަށް ބަދަލުވިއިރު އޭނާ އެންމެފަހުން ކުޅުނު ސްޓޯކް ސިޓީ ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުން ރެލިގޭޓް ވެފައެވެ.

ކުރިން ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެ އެ ކްލަބާއެކު 2013 ވަނަ އަހަރު ޝަގީރީ ޗެމްޕިއަންސް ލީގު ހޯދާފައިވާއިރު އޭނާ ބުނީ ލިވަޕޫލް އާއެކު ވެސް އެފަދަ ކާމިޔާބީއެއް ތަކުރާރު ކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށާއި އެ މުބާރާތް ކާމިޔާބު ކުރެވުމުން ކުރެވޭ އިހުސާސް ވަރަށް ރަނގަޅަށް އޭނާއަށް އެނގޭ ކަމަށެވެ.

"އަހަންނަށް ހީވަނީ ލިވަޕޫލް އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެހެން. އެގޮތުން މި ކްލަބާއި އަލަށް ގުޅުނު ކުޅުންތެރިންނާ އެކު ޓީމުގެ ފެންވަރު މިހާރު ވަނީ އިތުރަށް މަތިވެގެން ގޮސްފައި. އަލަށް ގެނައި ކުޅުންތެރިންނަކީ ވަރަށް ފެންވަރު ހުރި ކުޅުންތެރިން. އުއްމީދަކީ ކުރިއަށް އޮތް ސީޒަނުގައި ތަށިތަކެއް ހޯދުން" ޝަގީރީ ބުންޏެވެ.

ލިވަޕޫލް އާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ކަމަށް ޝަގީރީ އުއްމީދުކުރާއިރު އެ ކްލަބުން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެފައެވެ. ނަމަވެސް ފައިނަލްގައި ރެއާލް މެޑްރިޑާއި ބައްދަލުކޮށް 1-3 އިން ލިވަޕޫލް ވަނީ ބަލިވެފައެވެ.

އަންނަ ސީޒަނާއި ކުރިމަތިލާއިރު ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ތެރެއިން ސްކޮޑު އެންމެ ވަރުގަދަކޮށްފައިވާ އެއް ކްލަބަކީ ލިވަޕޫލްއެވެ. އެގޮތުން ޝަގީރީގެ އިތުރުން ލިވަޕޫލް އިން ވަނީ ރެޑްބުލް ލީޕްޒިގް އަށް ކުޅެމުން އައި ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ އާއި މޮނާކޯ އަށް ކުޅެމުން އައި ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯގެ އިތުރުން ރޯމާ އަށް ކުޅެމުން އައި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ގެނެސްފައެވެ.