ސްޕެއިންގެ ނޫހެއްކަމުގައިވާ ސްޕޯޓް އިން އެތްލެޓިކޯ މެޑްރިޑުގެ ތަރި އެންޓޮން ގްރީޒްމެން ލަލީގާގެ ވާދަވެރި ބާސެލޯނާއަށް ބަދަލުވުމުގެ ހުރިހާ ކަމެއްހެން ގާތްގަނޑަކަށް ނިމިފައިވާކަމަށް ރިޕޯޓްކޮށްފިއެވެ.

އެ ނޫހުން ބުނާގޮތުގައި ގްރީޒްމެން ބާސެލޯނާއަށް ދެން އަންނަން އޮތް ޓްރާންސްފާރ ވިންޑޯވއެއްގައި ބަދަލުވާނޭއިރު ގްރިޒްމެންގެ ޓްރާންސްފާރ އަގު 100 މިލިއަނަށްވުރެ އިތުރުވެގެންދާނެއެވެ. މިއީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އަދި ޒުވާން އެއް ކުޅުންތެރިޔާއަށްޓަކައި ބާސެލޯނާއިން އުފަލުން އަދާކުރުމަށް ތައްޔާރަށް އޮތް އަގެކެވެ.

ގްރީޒްމެން ގަތުމަށް ރެއާލް މެޑްރިޑު، ޗެލްސީ، މެންޗެސްޓަރ ޔުނައިޓެޑް އަދި ޕީއެސްޖީއިންވެސް ޝައުގުވެރިކަން ފާޅުކުރިއިރު ގްރީޒްމެން އެންމެ ބޮޑަށް ބޭނުންވެފައި ހުރީ ބާސެލޯނާއަށް ބަދަލުވުމަށްކަމަށް މި ނޫހުން ވަނީ ހާމަކޮށްފައެވެ. މިގޮތުން ގްރީޒްމެން ބާސެލޯނާގެ ކޯޗު ވަލްވާރޑޭގެ އުކުޅުތަކަށާއި ފޯމޭޝަނަށް ރަނގަޅަށް ފިޓުވާނޭކަމަށް މި ފަރާތްތަކުން ދެކޭއިރު މިއީ ބާސެލޯނާގެ ކުރިމަގުގައި ލުއިސް ސުއަރޭޒްގެ ބަދަލުގައި ސެންޓާރ ފޯވަޑްގެ ދައުރު އަދާކުރާނޭ ކުޅުންތެރިޔާކަމަށްވެސް ވަނީ ބެލެވެން ފަށައިފައެވެ.

ފާއިތުވެދިޔަ ޓްރާންސްފާރ ވިންޑޯވގައި ބާސެލޯނާއިން ލިވަޕޫލްގެ ތަރި ފިލިޕޭ ކޫޓިނިއޯ ގެނައިއިރު އެކުލަބުން ވަނީ އޭރު ހުސްކޮށް އޮތް 7 ނަންބަރު ޖާރޒީ ކޫޓީނިއޯއަށް ދިނުމަށް އިންކާރުކޮށްފައެވެ. މިއާއިއެކު ގިނަ ބަޔަކު ވަނީ ބާސެލޯނާއިން މި ޖާރޒީ ގްރީޒްމެންއަށްޓަކައި ރިޒާރވްކޮށްފައިވާކަމަށް ދެކެން ފަށައިފައެވެ. ގްރީޒްމެން ބާސެލޯނާއަށް ބަދަލުވުމުގެ ވާހަކަތައް އިވޭ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެހެންނަމަވެސް ގްރީޒްމެން ބާސެލޯނާއަށް ބަދަލުވެއްޖެނަމަ މިހާރު އެ ޓީމުގެ ދެ ފޯވަޑުންކަމުގައިވާ ލުއިސް ސުއަރޭޒް އަދި ޕަކޯ އަލްކަސާރ އަށް ދެން ވާނީ ކިހިނެތްކަމާއިމެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފައެވެ. މިތަނުން ކޮންމެވެސް އެއް ކުޅުންތެރިޔަކު ވިއްކާލާނޭކަމަށް ބެލެވިފައިވާއިރު މަޑުކުރާނީ ކޮން ކުޅުންތެރިޔެއްބާ؟