"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިރޭ ފެށި އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ހަތަރު ވަނަ މެޗް އެފްސީ ރީތި އައްޑޫ އިން ކާމިޔާބުކޮށްފިއެވެ.

މިރޭގެ ހަތަރު ވަނަ މެޗު އެފްސީ ރީތި އައްޑޫ އިން ކާމިޔާބު ކުރީ 1-4 ގެ ނަތީޖާ އަކުން ރޭޒާ ފައިވް ބަލި ކުރުމަށް ފަހުގައެވެ.

ރޭޒާ ފައިވްގެ ކުޅުންތެރިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެފައި ވަނީ ރީތި އައްޑޫ ޓީމުންނެވެ. ފުރަތަމަ ލަނޑު އެފްސީ ރީތި އައްޑޫ އަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާޒީ ނަމްބަރު 3 ނާއިފް ޝަފީގް އެވެ. އަދި މާގިނަ އިރު ތަކެއް ނުވެ އެފްސީ ރީތި އައްޑޫ އަށް ވަނީ ހިލޭ ޖެހުމެއް ލިބިފައެވެ. މި ހިލޭ ޖެހުމުން ރީތި އައްޑޫގެ 2 ވަނަ ލަނޑު ކާމިޔާބު ކުރީ އެޓީމުގެ ޖާޒީ ނަމްބަރު 9 އާދަމް ލަރީފް (ރޮނާ) އެވެ.

ދެވަނަ ހާފު ފެށުނު އިރު އެފްސީ ރީތި އައްޑޫ އިން ލީޑުގައި އޮތް ނަމަވެސް ރޭޒާ ފައިވް އިން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖާޒީ ނަމްބަރު އައިމަން ނަޒީރު އެވެ. މި ލަނޑު ޖެހި ކަމުގައި ވީނަމަވެސް ރޭޒާ ފައިވް އަށް ނަތީޖާ އެއްވަރުކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެފްސީ ރީތި އައްޑޫ އަށް އާދަމް ލަރީފް އަނެއްކާވެސް ލަނޑެއް ކާމިޔާބު ކޮށް އޭނާ ވަނީ އެޓީމަށް ލީޑު ފުޅާ ކޮށްދީ ހަމަ ޖެހިލާފައެވެ. އޭނާގެ ހެޓް ޓްރިކް ފުރިހަމަ ކޮށްފައިވަނީ މެޗު ނިމެން އިރު ކޮޅަކަށް ވެފައި ވަނިކޮށެވެ.

ރޭޒާ ފައިވް އާއި ރީތި އައްޑޫ ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މިމެޗުން އެފްސީ ރީތި އައްޑު މޮޅުވި އިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ އެފްސީ ރީތި އައްޑުގެ ޖާޒީ ނަމްބަރު 9 އާދަމް ލަރީފް (ރޮނާ) އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ރޮނާ އަކީ ކުރީގައި ފުރަތަމަ ޑިވިޝަންގެ ޓީމު ތަކަށް އަދި ރާއްޖޭގެ ގައުމީ ޓީމަށް ވެސް ކުޅެދީފައިވާ ކުޅުންތެރިޔެކެވެ.

މި މުބާރާތުގައި މާދަމާ ރޭ ވެސް ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

ރޭޒާ ފައިވް އާއި ރީތި އައްޑޫ ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.