މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ބޮޑު ހޭދައެއް ކުރި ނަމަވެސް އަންނަ ސީޒަނުގައި ތަށްޓެއް ހޯދުމަށް ލިވަޕޫލް އަށް ޕްރެޝަރެއް ނެތް ކަމަށް އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ލިވަޕޫލް އިން ވަނީ އަންނަ ސީޒަނަށް ސްކޮޑު އިތުރަށް ވަރުގަދަ ކުރުމަށް ކުޅުންތެރިންތަކެއް ގެނެސްފައެވެ. އެގޮތުން ލިވަޕޫލް އަށް ގެނެސްފައިވާ ކުޅުންތެރިންނަކީ ރެޑްބުލް ލީޕްޒިގް އަށް ކުޅެމުން އައި ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ އާއި މޮނާކޯ އަށް ކުޅެމުން އައި ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ އާއި ރޯމާ އަށް ކުޅެމުން އައި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާގެ އިތުރުން ސްޓޯކް ސިޓީ އަށް ކުޅެމުން އައި ސްވިޒަލޭންޑްގެ ފޯވާޑް ޒެރްޑަން ޝަގީރީއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ބޮޑު ހޭދައެއް ލިވަޕޫލް އިން ކޮށްފައިވާއިރު އަންނަ ސީޒަނުގައި އެ އެ ކްލަބުން ކާމިޔާބީތަކެއް ހޯދަންޖެހޭނެ ކަމަށް ލިވަޕޫލްއާ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ދާދިފަހުން ވަނީ ބުނެފައެވެ.

މި ވާހަކަތަކާ ގުޅިގެން "އީއެސްޕީއެން" އަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ ބޮޑު ހޭދައެއް ކުރި ނަމަވެސް ކާމިޔާބީއެއް ހޯދުމަށް އިތުރު ޕްރެޝަރެއް ލިވަޕޫލް އަށް ނެތް ކަމަށާއި ނަމަވެސް ބައެއް ފަރާތްތަކުން ލިވަޕޫލްއާ މެދު ކުރާ އުއްމީދުތައް މިހާރު ބޮޑުވެގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަހަރުމެންގެ އަމާޒަކީ ކޮންމެ އަހަރެއްގައި ވެސް ކުރިއެރުންތަކެއް ހޯދުން. އަހަރުމެން މި ކުޅޭ ފުޓްބޯޅަ އަށް ވެސް އިތުރު ކުރިއެރުންތަކެއް ގެނައުން. އޭރުން ކާމިޔާބީއެއް ހޯދުމުގެ ފުރުސަތު ވެސް ބޮޑުވެގެންދާނެ" ކްލޮޕް ބުންޏެވެ.

ލިވަޕޫލް އިން ސްކޮޑު ވަރުގަދަކުރި ނަމަވެސް އެހެން ޓީމުތަކުން ތިބީ "ނިދާފައި" ނޫން ކަމަށާއި އެގޮތުން އަންނަ ސީޒަނާއި ކުރިމަތިލާއިރު މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ އާއި އާސެނަލް އަދި ޓޮޓެންހަމްގައި ވެސް ރަނގަޅު ޓީމެއް އޮންނާނެކަން ކްލޮޕް ފާހަގަކުރިއެވެ.

ލިވަޕޫލް އަށް ގެނެސްފައިވާ ކުޅުންތެރިންނަކީ ފެންވަރު ހުރި މޮޅެތި ކުޅުންތެރިންކަން ފާހަގަކުރަމުން ކްލޮޕް ބުނީ ހުރިހާ ކަމެއް ކުރުމުގެ ފުރުސަތު ވެސް އަންނަ ސީޒަނުގައި އެބައޮތް ކަމަށާއި ކުޅޭ ކޮންމެ މުބާރާތަކަށް ވެސް އެޓީމުން ވާދަކުރާނެ ކަމަށެވެ.

"ކޮންމެ ތަށްޓެއް ވެސް އަހަރުމެންނަށް ބަރާބަރު ވާނެ" ކްލޮޕް ބުންޏެވެ.

އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް ލިވަޕޫލް އިން ވާދަކުރާނެ ކަމަށް ބެލެވޭއިރު އެޓީމުން މިދިޔަ ސީޒަން ނިންމާލީ ލީގުގެ ހަތަރުވަނައިގައި އޮވެއެވެ.