"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ފުރަތަމަ މެޗު ފުވައްމަލުކުގެ ހޯދަޑު ސްޕޯޓްސް އިން ކާމިޔާބުކޮށްފިއެވެ.

މިރޭގެ މެޗު ހޯދަޑު ސްޕޯޓްސް އިން ކާމިޔާބުކޮށްފައިވަނީ މަރަދޫގެ އެސްއެމްޓީއާ ބައްދަލުކޮށް 0-9 އިންނެވެ.

އެސްއެމްޓީގެ ކުޅުންތެރިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ހޯދަޑުން މޮޅު ކުޅުމެއް މިރޭގެ މެޗުގައި ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ރަޝީދުއެވެ. އަދި އެޓީމުގެ ދެވަނަ ގޯލު ޝުއާއު މުހައްމަދު ހަސަން ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އަޔާޒް އަހުމަދެވެ.

މި ތިން ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ ރަނގަޅު އިތުރު ފުރުސަތުތަކެއް ހޯދަޑު ޓީމުން ވަނީ ތަނަވަސްކޮށްފައެވެ.

އެސްއެމްޓީ އާއި ހޯދަނޑު ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ހޯދަޑު ޓީމުން މި މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ގޯލު ދެވަނަ ހާފްގެ ކުރީކޮޅު އަޔާޒް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ އިސްމާއިލް އަލީފް އަހުމަދެވެ. އެޓީމުގެ ހަވަނަ ގޯލު އަހުމަދު ސިނާހް ކާމިޔާބުކޮށްދިންއިރު ހަތްވަނަ ގޯލާއި އަށްވަނަ ގޯލު ކާމިޔާބުކޮށްދިނީ އަލީ އިހުސާންއެވެ.

ހޯދަޑު ޓީމުގެ ނުވަ ވަނަ ގޯލު ކާމިޔާބުކޮށްދީ އަޔާޒް ވަނީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ. މިއީ މި މުބާރާތުގައި ފެނިގެންދިޔަ ދެވަނަ ހެޓްރިކް ވެސް މެއެވެ. މި މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދާފައިވަނީ ރީތި އައްޑޫގެ ފޯވާޑް އާދަމް ލަރީފް (ރޮނާ) އެވެ.

މޮޅު ކުޅުންތެރިޔާ އަށް އިނާމު ހަވާލުކޮށްދެނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ތަފާތު ބޮޑު ނަތީޖާއަކުން ހޯދަޑު މިރޭގެ ފުރަތަމަ މެޗު ކާމިޔާބުކުރިއިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޯދަޑު ޓީމަށް ތިން ލަނޑު ކާމިޔާބުކޮށްދިން އަޔާޒްއެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.