މިފަހަރުގެ ޓްރާންސްފާ މާކެޓުގައި މެންޗެސްޓަރ ޔުނައިޓެޑަށް އަދި ދެ ކުޅުންތެރިން ބޭނުންވާ ކަމަށް އެ ކްލަބުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

މި ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑުން މިހާތަނަށް ވަނީ ތިން ކުޅުންތެރިއަކު ގެނެސްފައެވެ. އެއީ ޝަހްތަރު ޑޮނެޓްސްކް އަށް ކުޅެމުން އައި ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އާއި ޕޯޓޯ އަށް ކުޅެމުން އައި ޕޯޗުގަލްގެ ޒުވާން ޑިފެންޑަރު ޑަލޮޓްގެ އިތުރުން ސްޓޯކް ސިޓީ އަށް ކުޅެމުން އައި ތަޖުރިބާކާރު ގޯލްކީޕަރު ލީ ގްރާންޓްއެވެ.

ޕްރީ ސީޒަން ޓުއާގައި ރޭ ލިވަޕޫލް އަތުން 1-4 އިން ޔުނައިޓެޑް ބަލިވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން މޮރީނިއޯ ބުނީ ޔުނައިޓެޑަށް އަދި ދެ ކުޅުންތެރިން ބޭނުންވާ ކަމަށާއި ނަމަވެސް ބޮޑަށް ބެލެވެނީ ދެ ކުޅުންތެރިންގެ ބަދަލުގައި ލިބޭނީ އެންމެ ކުޅުންތެރިއެއް ކަމަށެވެ.

"މީގެ މަސްތަކެއް ކުރިން އަހަރެން ކްލަބަށް ދިން ފަސް ކުޅުންތެރިއެއް ނަން. އަހަރެން މިހުރީ އެތަނުން ކުޅުންތެރިއަކު ލިބޭތޯ ބަލަން މަޑުކޮށްލައިގެން" މޮރީނިއޯ ބުންޏެވެ.

އިތުރު ކުޅުންތެރިންތަކެއް ލިބިއްޖެނަމަ އެއީ ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް ނުލިބިއްޖެނަމަ މިހާރު ތިބި ކުޅުންތެރިންނަށް އިތުބާރުކޮށްގެން ވަރަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

އިތުރު ކުޅުންތެރިން ގެންނަން މޮރީނިއޯ ބޭނުންވާއިރު ލެސްޓަ ސިޓީ އަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ޑިފެންޑަރު ހެރީ މެގުއާ އާއި ޗެލްސީ އަށް ކުޅެމުން އަންނަ ވިލިއަންގެ އިތުރުން ޔުވެންޓަސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފުލްބެކް އެލެކްސް ސަންޑްރޯ އަކީ ޔުނައިޓެޑުން ގެންނަން ޝައުގުވެރިވާ ކުޅުންތެރިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން ޓްރާންސްފާ މާކެޓު ނިމުމުގެ ކުރިން ޔުނައިޓެޑް ދޫކޮށް ބައެއް ކުޅުންތެރިން ދިޔުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އޭގެތެރޭގައި މަޓެއޯ ޑާމިއަން އާއި މާކޮސް ރޮހޯ ފަދަ ކުޅުންތެރިން ހިމެނެއެވެ.