ފުޓްބޯޅައިގައި ދެން އެއްވެސް ކާމިޔާބީއެއް ހާސިލް ކުރަން ބޭނުން ނުވާ ކަމަށް ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ ޕޯޗުގަލްގެ ކެޕްޓަން އަދި ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ބްރެޒިލްގެ ޔޫޓިޔުބް ޗެނެލްއެއް ކަމަށްވާ ޑެސިމްޕެޑިޑޮސް އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނެފައިވަނީ ވަރަށް ގިނަ ކާމިޔާބީތަށް ހޯދިއްޖެ ކަމަށާއި ދެން އެއްވެސް ކާމިޔާބީއެއް ހޯދަން އުއްމީދު ނުކުރާ ކަމަށެވެ.

ނަމަވެސް ވޯލްޑްކަޕްގެ ތަށި އުފުލާލުމަކީ ދެކޭ ހުވަފެނެއް ކަމަށާއި މިހާރުވެސް ފުޓްބޯޅައިގެ ކެރިއަރު ނިންމާލަން ޖެހިއްެޖެ ނަމަ އުފަލާއި އެކު އެކަން ކުރާނެ ކަމަށް ރޮނާލްޑޯ ބުނެފައި ވެއެވެ. އަދި އޭނާގެ ފުޓްބޯޅައިގެ ހަޔާތަކީ އޭނާ ހީވެސް ނުކުރާފަދަ ކާމިޔާބު ހަޔާތެއް ކަމަށްވެސް ރޮނާލްޑޯ ބުނެފައިވެއެވެ.

މީގެ އިތުރަށް އޭނާގެ ފުޓްބޯޅައިގެ ހަޔާތުގައ ލިބުނު ކާމިޔާބީތަކަކީ އެތަކެއް ބަޔެއްގެ ބުރަ މަސައްކަތް ކަމަށާއި އުންމީދަކާއި އެކު ކަމެއް ފަށައިފި ނަމަ އެކަން ކާމިޔާބުވާނެ ކަމަށްވެސް އުމުރުން 33 އަހަރުގެ ރޮނާލްޑޯ ވަނީ ބުނެފައެވެ.

އަދި އޭނާދެކެ ގަޔާވާ މީހުންނާއި ރުޅި އަންނަ މީހުން ތިބޭކަން ފާހަގަ ކުރަމުން ރޮނާލްޑޯ ބުނީ އެއީ އޭނާގެ ހިތްވަރު ކަމަށެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ފީފާ ދޭ ބެލެންޑީއޯ އެވޯޑް ފަސް ފަހަރު ހާސިލްކޮށްފައިވާ ރޮނާލްޑޯ އަކީ ވަކިވަކި އެވޯޑްތަށްވެސް ގިނަ އަދަދަކަށް ހާސިލްކޮށްފައިވާ ކުޅުންތެރިއެވެ. ނަމަވެސް އޭނާގެ އުމުރުގެ ސަބަބުން ދެން މާ ގިނަ ދުވަސްތަކެއް ވަންދެން އޭނާ ފުޓްބޯޅައިގެ މައިދާނުން ފެނުން އެކަށީގެން ނުވާ ކަމުގައި ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން އަންނަކީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޭބީ

    މުސްލިމުން ގެ ދުއާ އިން ތޯއްޗެ އޭނަ އަށް ތި ކާމިޔާބީތައް ލިބުނީ

  2. ފރސ

    ބިޝާޕާ ބާސޫވެސް ބޭނުމެއްނޫންތަ؟

  3. ހާންބެ

    އަހަރެމެން މުސްލިމުންނައް ރޮނާ ތިވާ އެހީތެރިކަމައްޓަކާ ފަހުރުވެރިވަން. ރޮނާއަކީ ވަރައްމޮޅު ކުޅުންތެރިއެއް ނަމަވެސް މެސީ އެންމެމޮޅީ..

  4. ހަބޭސް

    ރޮނާލްޑޯ އިސްލާމްވުމަކީ އަހަރެން އުއްމީދު ކުރާކަމެއް