ރެއާލް މިޑްފީލްޑަރު އިސްކޯ ވިއްކާލަން އުޅޭ ވާހަކަތައް އެ ކްލަބުގެ ކޯޗު ޒައިނުއްދީން ޒިދާން ދޮގުކޮށްފިއެވެ.

ފާއިތުވި ދުވަސްތަކުގައި ސްޕެއިންގެ ބައެއް މީޑިޔާތަކުން ވަނީ މި ސީޒަނަށްފަހު އިސްކޯ ވިއްކާލަން ރެއާލް އިން ނިންމާފައިވާ ކަމަށް ބުނެ ޚަބަރު ފަތުރާފައެވެ.

މި ވާހަކަތަކާ ގުޅިގެން ރެއާލްގެ ކޯޗު ޒިދާން ބުނީ އިސްކޯ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ ވިއްކާލަން އުޅޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. "އިސްކޯ ވިއްކާލަން އުޅޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް. މި ސުވާލަށް އަހަރެން ޖަވާބު މިދިނީ މި ވާހަކަތަކަށް ނިމުމެއް ގެނައުމުގެ ގޮތުން" ޒިދާން ބުންޏެވެ.

ކޮންމެ މެޗެއްގައި އިސްކޯ އަށް ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް ކެރިއަރު ނިމެންދެން އޭނާ ރެއާލްގައި މަޑުކުރުވަން ބޭނުންވާ ކަމަށްވެސް ޒިދާން ބުންޏެވެ. "ޓީމުގަ އެބަތިބި 25 ކުޅުންތެރިން. މި ހުރިހާ ކުޅުންތެރިންނަކީ ވެސް އަހަރުމެންނަށް މުހިއްމު ކުޅުންތެރިން. ކޮންމެ މެޗެއްގައި އިސްކޯ އަށް ވެސް ނުކުޅެވި ހިނގައިދާނެ. އެކަމަކު އޭނާ އަކީ އަހަރެން އިތުބާރު ކުރާ ޓީމުގެ މުހިއްމު ކުޅުންތެރިއެއް. އަހަރެން ބޭނުން ކެރިއަރު ނިމެންދެން އިސްކޯ ރެއާލްގައި މަޑުކުރުވަން ވެސް" ޒިދާން ބުންޏެވެ.

2013 ވަނަ އަހަރު ރެއާލް އާއި ގުޅުނު އިސްކޯ ވަނީ މި ސީޒަނުގައި ރެއާލް އަށް 31 މެޗު ކުޅެދީ ހަތް ގޯލު ކާމިޔާބުކޮށްދީފައެވެ. އިސްކޯ ރެއާލް އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުއެވެ.