ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އެ ކްލަބުގައި މަޑުކުރާނެ ކަމަށް ބަޔާންގެ ކޯޗު ނިކޯ ކޮވަޗް ބުނެފިއެވެ.

ކޮވަޗް މިހެން ބުނެފައިވާއިރު ލެވެންޑޯސްކީ މިހާރު ބޭނުންވަނީ އެ ކްލަބު ދޫކޮށް އާ ޗެލެންޖެއް ތަޖުރިބާކޮށްލަން ކަމަށް މިދިޔަ މޭއި މަހުގެ ތެރޭގައި ލެވެންޑޯސްކީގެ އެޖެންޓް ޕިނީ ޒަހާވީ ވަނީ ބުނެފައެވެ.

"ކެރިއަރުގައި އާ ޗެލެންޖެއް ތަޖުރިބާކޮށްލަން ބޭނުންވާ ކަމުގެ އިހުސާސް ލެވެންޑޯސްކީ އަށް މިހާރު ކުރެވޭ. މިކަން މިހާރު ވަނީ ބަޔާން އަށް އިސްވެރިންނަށް ވެސް އަންގާފައި" ޖަރުމަނުގެ ކުޅިވަރު މެގަޒިން އަކަށް ދިން އިންޓަވިއުއެއްގައި ޒަހާވީ ބުނެފައިވެއެވެ.

މި ވާހަކަތަކާއި ގުޅިގެން ބަޔާންގެ އާ ކޯޗު ކޮވަޗް ބުނީ ލެވެންޑޯސްކީ އަކީ މޮޅު ފޯވާޑެއް ކަމަށާއި އޭނާ އެހެން ކްލަބަކަށް ދޫކޮށްލަން ބަޔާން އިން އެއްގޮތަކަށް ވެސް ބޭނުން ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ބަޔާން އިން ބޭނުން ވަނީ ލެވެންޑޯސްކީ އާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން ކަމަށްވެސް ކޮވަޗް ބުންޏެވެ.

"ލެވެންޑޯސްކީ އަކީ މޮޅު ކުޅުންތެރިއެއް. ޖަރުމަނު ލީގުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދައި ގިނަ ލަނޑުތަކެއް ވެސް ލެވެންޑޯސްކީ ވަނީ ޖަހާދީފައި. އަދި ކުރިއަށް އޮތް ސީޒަނުގައި ވެސް އޭނާގެ ފަރާތުން ގިނަ ލަނޑުތަކެއް ފެނިގެންދާނެ" ކޮވަޗް ބުންޏެވެ.

ލެވެންޑޯސްކީ ބަޔާން އާއެކު ހަދާފައިވާ ކޮންޓްރެކްޓެއް އެބައޮތް ކަމަށާއި އެ ކްލަބުގައި ވީހާވެސް ދިގު މުއްދަތަކަށް އޭނާ މަޑުކުރާނެ ކަމަށްވެސް ކޮވަޗް ބުންޏެވެ.

2014 ވަނަ އަހަރު ބްރޫޝިއާ ޑޯޓްމަންޑުން ބަޔާން އާއި ގުޅުނު ލެވެންޑޯސްކީ އަކީ އެޓީމުގެ ކުރީގައި ހަރަކާތްތެރިވާ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ.

އުމުރުން 29 އަހަރުގެ ލެވެންޑޯސްކީ ވަނީ ބަޔާން އަށް މިހާތަނަށް 195 މެޗު ކުޅެދީ 151 ގޯލު ކާމިޔާބުކޮށްދީފައެވެ.