މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އިތުރު ޑިފެންޑަރެއް ލިވަޕޫލް އަށް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ލިވަޕޫލް އިން ވަނީ އަންނަ ސީޒަނަށް ސްކޮޑު އިތުރަށް ވަރުގަދަ ކުރުމަށް ކުޅުންތެރިންތަކެއް ގެނެސްފައެވެ. އެގޮތުން ލިވަޕޫލް އަށް ގެނެސްފައިވާ ކުޅުންތެރިންނަކީ ރެޑްބުލް ލީޕްޒިގް އަށް ކުޅެމުން އައި ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ އާއި މޮނާކޯ އަށް ކުޅެމުން އައި ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ އާއި ރޯމާ އަށް ކުޅެމުން އައި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާގެ އިތުރުން ސްޓޯކް ސިޓީ އަށް ކުޅެމުން އައި ސްވިޒަލޭންޑްގެ ފޯވާޑް ޒެރްޑަން ޝަގީރީއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޑިފެންޑަރެއް ގެނެސްފައި ނުވި ނަމަވެސް ލިވަޕޫލް އިން ވަނީ މިދިޔަ ޖެނުއަރީ ޓްރާންސްފާގައި 75 މިލިއަން ޕައުންޑުގެ އަގަކަށް ސައުތްހެމްޓަން އަށް ކުޅެމުން އައި ވާޖިލް ވެންޑައިކް އެ ކްލަބަށް ގެނެސްފައެވެ.

ކްލޮޕް ބުނީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އިތުރު ޑިފެންޑަރެއް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށާއި ޑިފެންސިވް މަގާމުތަކަށް ކުޅެވޭނެ ކުޅުންތެރިން ސްކޮޑުގައި މިހާރުވެސް އެބަތިބި ކަމަށެވެ.

"މިވަގުތަށް ބަލާއިރު އިތުރު ޑިފެންޑަރެއް ގެންނަންޖެހޭ ބޭނުމެއް އަހަންނަކަށް ނުފެނޭ" ކްލޮޕް ބުންޏެވެ.

ޓްރާންސްފާ މާކެޓުގައި ބާކީ އަދި 12 ދުވަސް އެބައޮތް ކަމަށާއި އެހެންކަމުން ކަންތައްތަކެއް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ކްލޮޕް ބުންޏެވެ.

އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް ލިވަޕޫލް އިން ވާދަކުރާނެ ކަމަށް ބެލެވޭއިރު އެޓީމުން މިދިޔަ ސީޒަން ނިންމާލީ ލީގުގެ ހަތަރުވަނައިގައި އޮވެއެވެ.