ސާފް ޗެމްޕިއަންޝިޕްގައި މިއަހަރު ބައިވެރިވާ ދިވެހިރާއްޖޭގެ ފުޓްބޯޅަ ޓީމުން ތަށި އަލުން ރާއްޖެއަށް ހޯދައިދިނުމަށް ޓީމްގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެދިއްޖެއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ދަގަނޑޭ އަށް މިފަހަރުގެ ޓީމުން ފުރުސަތު ނުލިބުމުން ގިނަ ބައެއްގެ ފާޑުކިޔުން ގައުމީ ޓީމްގެ ކޯޗަށާއި އެފްއޭއެމް އަށް އަމާޒުވެފައި ވަނިކޮށް ދަގަނޑޭގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ "ސާފް ސުޒުކީ ކަޕުގައި ވާދަކުރާ ޤައުމީ ޓީމަށް ކާމިޔާބީއަށް އެދެން. އަލުން (ރާއްޖެ އަށް) ތަށި ގެނެސްދީ،"

އަންނަ ސެޕްޓެމްބަރު ބަނގްލަދޭޝްގައި ފަށާ މުބާރާތަށް ޤައުމީ ކޯޗު ޕީޓަ ސެގްޓް އެކުލަވާލި ސްކޮޑުގައި ދަގަނޑޭ ހިމަނާފައިނުވެއެވެ.

ދަގަނޑޭ ޤައުމީ ޓީމުން ބާކީ ކުރީ ވަރލްޑް ކަޕް ކޮލިފައިންގައި މި އަހަރުގެ ކުރީ ކޮޅު ބޫޓާނާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިންނެވެ.

ތަފާތު ސަބަބުތަކާހުރެ ސާފް ޗެމްޕިއަންޝިޕް ސްކޮޑަށް ދަގަނޑޭއަށް ދިން ދައުވަތު އޭނާ ގަބޫލު ނުކުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް ރަސްމީ ފަރާތަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓްބޯޅައިގެ ނަން ހިނގާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް ނަމަވެސް ރާއްޖެ އަށް ފުޓްބޯޅަ އިން ބައިނަލްއަޤުވާމީ މުބާރާތެއް ކާމިޔާބުވެފައި ވަނީ 2008 ވަނަ އަހަރު އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު މުހައްމަދު

    ޣައުމައް ހިދުމަތެއް ކުރުމައް ފުރުސަތު ދިނުމުން އެކަން ނުކޮއްދީ ފުރަސް ދިނުމަކީ ވަރައްވެސް ދެރަ އަދި ހިތާމަ ހުރިކަމެއް

    • އަހުމަދު

      ވަރުގަދަކަމެކޭ. މިއޮތީވާ ޤައުމެއް އިނގޭ. ޤައުމާ އިންނަންވީނު އެންމެންވެގެން.......

  2. ނައިންޓީ

    މުޅިދެކުނު އޭސިޔާގަ އުފެދުނު މޮޅުކުޅުންތެރިޔެއް ދަގަނޑޭއަކީ.. ނަމަވެސް ދެން އިފެދިދާނެ އަދި އުފެދެން ތިބި ކޮންމެ ކުޅުން ތެރިޔަކު ދަނގަޑޭގެ އުޅުމުން ދަސްކުރަންޖެހޭ ފިލާވަޅުތަކެއް ދަސް ނުކޮށްފިނަމަ ކާމިޔާބު ހޯދުން ދަތިވާނެ. ތިމާއަށް ތިމާ ފެނި އަމިއްލަ ވަންތަކަމާ އަމިއްލަ ގައުމިއްޔަތު ހަނދާން ނެތިއްޖެ އެއްވެސް މީހަކަސް އޭނާގެ ގައުމަށް ކާމިޔާބު ހޯދައެއް ނުދެވޭނެ. މޮޅުވެދާނެ.
    ފުޓްބޯޅައިން މުޅިގައުމަށް ފައިދާކޮށްދޭނަމޭ ބުނެ ލަވަ ހެދިޔަކަސް މޮޅު ކުޅުންތެރިޔާ އަށް އެލަވައިގަ އެބުނާ އެއްޗެއް ނޭންގޭނަމަ ވާނެ ގޮތް ދަގަނޑޭއަށް އެވަނީ. މޮޅު.. އެކަމަކު މާ މުހިންމު މީހެއްނޫން.

  3. އަަލީ

    ތިކަމެއް ނުވާނެ

  4. ޢަޒީ

    ޑިސިޕްލިން ރަނގަޅުނަމަ އަޝްފާގަކީ މެސީ އަދި ރޮނާލްޑޯއާ އެއްފެން ވަރު ކުޅުންތެރިއެއް... ކޯޗުގެ ނިންމުމަށް ތާއީދު ކުރަން...