"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފްރެންޑްސް ކްލަބާއި ޒެފިޔާ ކަމަށްވާއިރު މި މެޗު އެއްވަރުވީ 1-1 އިންނެވެ.

ޒެފިޔާ އާއި ފްރެންޑްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ދެ ޓީމުން ކުރެ ޓީމަކަށް މި ހާފުގައި ގޯލެއް ކާމިޔާބުކުރަން މާގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އެގޮތުން މި ހާފުގައި ފްރެންޑްސް ކްލަބުން ވަނީ ދުރުން ނުރައްކާތެރި ދެ ހަމަލާގެ ޒެފިޔާގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އެ ދެ ހަމަލާ ވެސް ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

ފުރަތަަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ޒެފިޔާ އިން ދިޔައީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ފްރެންޑްސް ކްލަބުގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް ޒެފިޔާ އިންނެވެ. މި ގޯލު ޒެފިޔާ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.

ޒެފިޔާ އާއި ފްރެންޑްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ބޮންޑާ މި ގޯލު ކާމިޔާބުކުރިޔާ މާގިނަ އިރުތަކެއް ނުވަނީސް ފްރެންޑްސް ކްލަބުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލު ފްރެންޑްސް އަށް ކާމިޔާބުކޮށްދިނީ ހުސެއިން ރިޒްމީއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ފުދޭވަރަކަށް ހުހަށް ހުރެ ޒެފިޔާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުންކުރެ ޓީމަކަށް ލިބިފައެއް ނުވެއެވެ.

މޮޅު ކުޅުންތެރިޔާ އަށް އިނާމު ހަވާލުކުރަނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މިރޭގެ މެޗު އެއްވަރުވިއިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފްރެންޑްސް ކްލަބަށް ނަތީޖާ އެއްވަރުކޮށްދިން ރިޒްމީއެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.