"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ތިންވަނަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާފައިނަލަށް ހޯދަނޑު ސްޕޯޓްސް ދަތުރުކޮށްފިއެވެ.

ފުވައްމުލަކު ސިޓީ އަށް ނިސްބަތްވާ ހޯދަނޑު މިރޭ މޮޅުވީ އެފްސީ ސްޕްރިންޓާއި ބައްދަލުކޮށް 0-2 އިންނެވެ. މި މޮޅާއެކު ހޯދަނޑުގެ އިތުރުން ގްރޫޕް އޭ އިން މުބާރާތުގެ ކުއާޓާ އަށް ބޭރުމަތި އެފްސީ ވެސް ވަނީ ދަތުރުކޮށްފައެވެ. މިރޭގެ މެޗުން ބަލިވި އެފްސީ ސްޕްރިންޓް މިހާރު ވަނީ މުބާރާތުން ކަޓާފައެވެ.

ސްޕްރިންޓް އެފްސީގެ ކުޅުންތެރިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ހޯދަނޑުން ރަނގަޅު ކުޅުމެއް މިރޭގެ މެޗުގައި ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އަޔާޒް އަހުމަދެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދަނޑުން ވަނީ ތަނަވަސްކޮށްފައެވެ. ނަމަވެސް ހޯދަނޑުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ސްޕްރިންޓުގެ ކީޕަރުގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ހޯދަނޑުން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު އަބްދުﷲ ރަޝީދު ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލަށްފަހު ވެސް ހޯދަނޑުން ސްޕްރިންޓުގެ ގޯލަށް ބާރު ހަމަލާތަކެއް ފޮނުވާލާފައިވާއިރު މި ހާފުގައި ސްޕްރިންޓުން ވެސް ވަނީ ހޯދަނޑުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން އެޓީމުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެއެވެ.

ހޯދަނޑާއި ސްޕްރިންޓް ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މިރޭގެ މެޗުން މޮޅުވެ މުބާރާތުގެ ކުއާޓާ އަށް ހޯދަނޑު ދަތުރުކުރިއިރު މި މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވިފައިވަނީ އެޓީމުގެ އަޔާޒްއެވެ.

މޮޅު ކުޅުންތެރިޔާ އަށް އިނާމު ހަވާލުކުރަނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.