މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ރިޔާދު މަހްރޭޒް އަށް ލިބުނީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ.

މަހްރޭޒްގެ ފައިގެ ކުޑަހުޅަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު އެކުވެރިކަމުގެ މެޗެއްގައި ބަޔާން މިއުނިކާއި ދެކޮޅަށް ސިޓީން ކުޅުނު މެޗުގައެވެ.

އެ އަނިޔާއާ ގުޅިގެން ހެދި ސްކޭންތަކުން މަހްރޭޒްގެ ފައިގެ ކުޑަހުޅަށް އިތުރު ގެއްލުމެއް ލިބިފައިނުވާކަން ހާމަވެގެން ގޮސްފައިވާއިރު ސިޓީން ވަނީ މި ހަފްތާގެ ފަހުކޮޅު ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ހުއްދަ ސިޓީގެ މެޑިކަލް ޓީމުން މަހްރޭޒް އަށް ދީފައިވާ ކަމަށެވެ.

އަދި އަންނަ އާދީއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި މަހްރޭޒް އަށް ކުޅެވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސިޓީން ބުންޏެވެ.

ލެސްޓަ ސިޓީ އަށް ކުޅެމުން އައި އުމުރުން 27 އަހަރުގެ މަހްރޭޒް ސިޓީ އަށް ބަދަލުވީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި 60 މިލިއަން ޕައުންޑުގެ އަގަކަށެވެ. މަހްރޭޒް އަކީ ސިޓީގެ ތާރީހުގައި ވެސް އެ ކްލަބަށް މިހާތަނަށް އެންމެ ބޮޑު އަގެއްގައި ގެނައި ކުޅުންތެރިޔާއެވެ.

ލެސްޓަ ސިޓީ އަށް ޕްރިމިއާ ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ މަހްރޭޒް އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ސިޓީ އަށް ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.