މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު މާކޮސް ރޯހޯ ގެންނަން އެވަޓަން އިން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސިވިލާތުގެ "ޓެލެގްރާފް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑް ދޫކޮށްލުމުގެ ފުރުސަތު އޮތްކަން އެ ކްލަބުން މިހާރު ވަނީ ރޯހޯ އަށް އަންގާފައެވެ. އަދި ރޯހޯ ގެންނަން އެވަޓަން އިން ޝައުގުވެރިވާ ކަމަށާއި ގާތްގަނޑަކަށް 20 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ލިބިއްޖެނަމަ ރޯހޯ ވިއްކާލަން ޔުނައިޓެޑުން ތައްޔާރަށް އޮތް ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މީގެ ހަތަރު އަހަރުކުރިން ސްޕޯޓިން ލިސްބަން އިން ރޯހޯ ޔުނައިޓެޑަށް ބަދަލުވީ 16 މިލިއަން ޕައުންޑުގެ އަގަކަށެވެ. އަދި އޭނާ ވަނީ މިދިޔަ މާޗު މަހު ޔުނައިޓެޑްގެ ކޮންޓްރެކްޓް ވެސް އާކޮށްފައެވެ.

ރޯހޯ ވިއްކާލުމަށްފަހު މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އިތުރު ސެންޓަބެކެއް ގެންނަން ޔުނައިޓެޑުން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޔުނައިޓެޑުން އެންމެ ބޮޑަށް ޝައުގުވެރިވަނީ ލެސްޓަ ސިޓީ އަށް ކުޅެމުން އަންނަ އިންގްލޭންޑުގެ ޑިފެންޑަރު ހެރީ މެގުއާ ގެންނަން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ޓްރާންސްފާ މާކެޓުގައި ލެސްޓާ އިން އެ ކްލަބަށް ކުޅެމުން އައި ރިޔާދު މަހްރޭޒް މެންޗެސްޓަރ ސިޓީ އަށް ވިއްކާލާފައިވުމުން އެ ކްލަބުގެ މުހިއްމު އިތުރު ކުޅުންތެރިއަކު މި ޓްރާންސްފާ މާކެޓުގައި ވިއްކާލަން ލެސްޓާ އިން ބޭނުން ނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މެގުއާ ނުލިބިއްޖެނަމަ ޔުނައިޓެޑުން ދެން މަސައްކަތް ކުރާނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ކޮލަމްބިޔާގެ ޑިފެންޑަރު ޔެރީ މީނާ ގެންނަން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.