ޗެމްޕިއަންސް ލީގުގެ ގަދަ 16އިގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރާ މެޗުން ޕީއެސްޖީގެ އަދި މުޅި ދުނިޔޭގެވެސް އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާރ ފެނިގެންދިޔުމުގެ ކުޑަ ފުރުސަތެއް އެބަ އޮތްކަމަށް ޕީއެސްޖީގެ ކޯޗު އުނައި އެމެރީ ބުނެފިއެވެ. މިދިޔަ އާދީއްތަ ދުވަހު ޕީއެސްޖީއާއި އޮލިމްޕިކް މާސެއިލް ފްރާންސްގެ ލީގު 1 ގައި ބައްދަލުކުރި މެޗުގައި ނޭމާރގެ ފައިގެ މެޓަޓާރސެލްގައި ވަނީ ރެނދު އަޅައިފައެވެ. މި އިންޖަރީއާއި ބެހޭގޮތުން ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު އުނައި އެމެރީ ވަނީ މި އިންޖަރީގެ ސަބަބުން ނޭމާރ ސާރޖަރީ ހައްދަން ނުޖެހޭނޭކަމަށް ހާމަކޮށްފައެވެ.

އުނައި އެމެރީ ވަނީ ނޭމާރ އަކީ ކޮންމެ މެޗެއްވެސް ކުޅެން ބޭނުންވާ ކުޅުންތެރިޔެއްކަމަށާއި އަދި ރެއާލްގެ މެޗަށް އޭނާ ދަނީ ތައްޔާރުވަމުންކަމަށް ބުނެފައެވެ. ރެއާލް މެޑްރިޑާއި ބައްދަލުކުރާ މެޗުން ނޭމާރ ފެނުމުގެ ހަނި ފުރުސަތެއް އަދިވެސް އެބަ އޮތްކަމަށް އެމެރީ ވަނީ މި އިންޓަވިއުގައި ބުނެފައެވެ. ނޭމާރ އަކީ ޕީއެސްޖީއިން 200 މިލިއަނަށް ބާސެލޯނާއިން ގެނައި އެކުލަބުގައި ހުރި އެންމެ މުހިންމު ކުޅުންތެރިޔާއެވެ.

ޕީއެސްޖީއާއި ރެއާލް މެޑްރިޑުގެ ފުރަތަމަ ލެގުގެ ބައްދަލުވުން ރެއާލްއިން 3-1ން ކާމިޔާބުކުރިއިރު ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދީން ޒިދާންވެސް ވަނީ މި މެޗަށް ވާންވާއިރަށް ނޭމާރ ފިޓުވުމަށް އެދޭކަމަށް ބުނެފައެވެ. މިދިޔަ އޯގަސްޓު މަހު ނޭމާރ ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވިފަހުން އޭނާ ވަނީ ޕީއެސްޖީއަށް 30 މެޗު ކުޅެދީ 29 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު