އަންނަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގައި އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ހިމެނުމަށް ގޮވާލާއި ޒުވާނުންތަކެއް މިރޭ އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑުން ދަގަނޑޭ ބާކީކޮށްފައިވާއިރު، އޭނާ ސްކޮޑުން ބާކީ ކުރީ އާ ޖީލަކަށް ފުރުސަތު ދޭންވެގެން ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ވަނީ ބުނެފައެވެ.

ދަގަނޑޭ އަށް މިފަހަރުގެ ޓީމުން ފުރުސަތު ނުލިބުމުން ގިނަ ބައެއްގެ ފާޑުކިޔުން ގައުމީ ޓީމްގެ ކޯޗަށާއި އެފްއޭއެމް އަށް އަމާޒުވެފައިވާއިރު، ދަގަނޑޭ އަށް ސްކޮޑުން ޖާގަ ދިނުމަށް ގޮވާލާއި ޒުވާނުން ބާއްވާ އިވެންޓު އޮންނާނީ މިރޭ 21:30 ގައި އާޓިފިޝަލް ބީޗު ކައިރީގައި އޮންނަ ހެންވޭރު ޓާފްގައެވެ.

މި އިވެންޓު އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ޒުވާނަކު ބުނީ އެމީހުން ނިކުންނަނީ ދަގަނޑޭ ސްކޮޑުގައި ހިމަނައިދިނުމަށް ގައުމީ ކޯޗަށް ދެންނެވުމަށް ކަމަށެވެ. އަދި މި އަހަރަކީ ދަގަނޑޭ ގައުމީ ޓީމަށް ކުޅޭނެ ފަހު އަހަރަށް ވެފައި އޭނާ އަށް ޝަރަފުވެރި ކަމާއެކު ރިޓަޔާ ކުރުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށްވެސް އިވެންޓު އިންތިޒާމު ކުރާ ޒުވާނަކު ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ހަރަކާތުގައި 500 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ދަގަނޑޭ އަށް މިފަހަރުގެ ޓީމުން ފުރުސަތު ދީފައިނުވާއިރު ދަގަނޑޭ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވަނީ ސާފް ސުޒުކީ ކަޕުގައި ވާދަކުރާ ޤައުމީ ޓީމަށް ކާމިޔާބީއަށް އެދޭ ކަމަށް ބުނެފައެވެ. އަދި އަލުން ރާއްޖެ އަށް ތަށި ގެނެސްދިނުމަށް ވެސް ދަގަނޑޭ އެދިފައިވެއެވެ.

ދަގަނޑޭ ގައުމީ ސްކޮޑުގައި ހިމަނާފައިނުވާއިރު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވެފައި ނުވާތީ އޭނާ ވަނީ ޓީމުން މީގެކުރިން ވަކިކޮށްފައެވެ. ނަމަވެސް ސާފް ޗެމްޕިއަންޝިޕަށް ނަގާ ސްކޮޑުގައި ދަގަނޑޭ ހިމަނާނެ ކަމަށް މީގެކުރިން އޮތީ ވަރަށް ބޮޑަށް ބެލެވިފައެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓްބޯޅައިގެ ނަން ހިނގާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް ނަމަވެސް ރާއްޖެ އަށް ފުޓްބޯޅަ އިން ބައިނަލްއަޤުވާމީ މުބާރާތެއް ކާމިޔާބުވެފައި ވަނީ 2008 ވަނަ އަހަރު އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯޅަ

    ތިއަދަދަށް ދަގަނޑޭ ކުޅޭތަންބަލަން ދަނޑަށްވަންނަމަ ދަނޑުގެ ފަޅުކަންފިލާ ފުޓްބޯޅައަށް ދިރުމެލިބުނީސްނުން.. މިހާރު ތިބޭނުންވަނީ ސިޔާސީކުރަން...

  2. ހަސަން

    ދެންކޮންސަކަރާތެއް
    ދަގަނޑޭވަނީ އަމިއްލައަށް ގައުމީޓީމުންއިސްތިއުފާދީފަނޫންތަ
    މަވެސް ދަގަނޑޭގެ ކުޅުމަށް ތައުރީފުކުރަމޭ