ޔުވެންޓަސް އަށް ކުޅެމުން އައި ގޮންޒާލޯ ހިގުއައިން އޭސީ މިލާނަށް އަދި އޭސީ މިލާނަށް ކުޅެމުން އައި އިތުބާރު ޑިފެންޑަރު ލިއަނާޑޯ ބޮނުޗީ އަލުން އެނބުރި ޔުވެންޓަސް އަށް ބަދަލުވުމަށް ނިންމައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ހިގުއައިން އާއި ބޮނޫޗީގެ ޓްރާންސްފާތަކާއި ގުޅޭގޮތުން މިލާނާއި ޔުވެންޓަސް އާއި ދެމެދު ރޭގެ ވަގުތެއްގައި ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އަދި މިއަދުގެ ވަގުތެއްގައި މި ޓްރާންސްފާތައް މުޅިން ފުރިހަމަ ވެގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރުން އާޖެންޓީނާ އުފަން ހިގުއައިން މިލާނަށް ބަދަލުވާނީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ލޯނު އެއްބަސްވުން ނިމުމުން 36 މިލިއަން ޔޫރޯ އަށް އޭނާ ގަތުމުގެ ފުރުސަތު މިލާނަށް އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2016 ވަނަ އަހަރު ނަޕޯލީން ޔުވެންޓަސްއާ ގުޅުނު ހިގުއައިން ވަނީ އެ ކްލަބުގައި ހޭދަކުރި މުއްދަތުގައި 105 މެޗު ކުޅެދީ 55 ގޯލު ކާމިޔާބުކޮށްދީފައެވެ.

އަނެއްކޮޅުން މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ޔުވެންޓަސް ދޫކޮށްލުމަށްފަހު މިލާނަށް ބަދަލުވި ބޮނޫޗީ އަލުން އެނބުރި ޔުވެންޓަސް އަށް ބަދަލުވާން ނިންމާފައިވާއިރު، ޔުވެންޓަސް އިން ވަނީ ބޮނޫޗީ އަލުން އެނބުރި ގެނައުމަށް އެ ކްލަބުގެ އުއްމީދީ ޑިފެންޑަރު މަޓިއާ ކަލްޑަރާ މިލާނަށް ދިނުމަށް ނިންމާފައެވެ. ކަލްޑަރާ އަކީ މިފަހަރުގެ ހޫނު މޫސުމުގައި އެޓަލާންޓާ އިން ޔުވެންޓަސްއާ ގުޅުނު ކުޅުންތެރިއެއްކަން ފާހަގަކޮށްލެވެއެވެ.

ޔުވެންޓަސް ދޫކޮށްލުމަށްފަހު ބޮނޫޗީ މިލާނަށް ބަދަލުވި ނަމަވެސް މިދިޔަ ސީޒަނުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވެފައެވެ.

ބޮނޫޗީ އާއި ހިގުއައިން އަދި ކަލްޑަރާ މިވަގުތު ތިބީ ޕްރީ ސީޒަން ޓުއާގައި ބައިވެރިވުމަށް އެމެރިކާގައި ކަމަށްވާއިރު މި ތިން ކުޅުންތެރިން ވެސް މިއަދުގެ ވަގުތެއްގައި އިޓަލީ އަށް އައިސް މެޑިކަލް ފުރިހަމަ ކުރުމަށްފަހު އާ ކްލަބުތަކުގެ ކޮންޓްރެކްޓުތަކުގައި ސޮއިކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.