2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑުކުރުމަށް ވިސްނަމުންދާ ކަމަށް އިނގިރޭސި އެފްއޭ އިން ހާމަކޮށްފިއެވެ.

އިނގިރޭސި އެފްއޭގެ ޗެއާމަން ގްރެގް ކްލާކް ވިދާޅުވީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑު ކުރެވިދާނެތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމަށް އެ އިދާރާގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް އޮތް ސީޒަން ފެށުމުން ފަށާނެ ކަމަށާއި ވޯލްޑް ކަޕް ބޭއްވުމަށް ބިޑު ކުރުމާއި ގުޅޭގޮތުން އަންނަ އަހަރުގެ ކުރިން ގޮތެއް ނުނިންމާނެ ކަމަށްވެސް ކްލާކް ވިދާޅުވިއެވެ.

އިންގްލޭންޑުގައި އެންމެފަހުން ވޯލްޑް ކަޕެއް ބާއްވާފައިވަނީ 1966 ވަނަ އަހަރުއެވެ. އެ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ވެސް އިންގްލޭންޑުންނެވެ.

2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑުކުރުމަށް އިންގްލޭންޑުން ވިސްނަމުންދާއިރު 2020 ވަނަ އަހަރު ޔޫރަޕްގެ އެކި ގައުމުތަކުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހަތް މެޗެއް އިންގްލޭންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން އިނގިރޭސި އެފްއޭ އިން ވަނީ 2021 ވަނަ އަހަރު ބޭއްވުމަށް ނިންމާފައިވާ އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ބިޑު ކުރުމަށް ވެސް ނިންމާފައެވެ.

އިންގްލޭންޑުން މީގެކުރިން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ވެސް ބިޑުކޮށްފައެވެ. އެ ބިޑު ކާމިޔާބުކުރުމަށް ޕްރިންސް ވިލިއަމް އާއި އިނގިރޭސިވިލާތުގެ އޭރުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރޮން އަދި އިންގްލޭންޑްގެ ކުރީގެ މަޝްހޫރު ތަރި ޑޭވިޑް ބެކަމް އިސް ދައުރެއް އަދާކުރި ނަމަވެސް އެ މުބާރާތް ބޭއްވުމުގެ ފުރުސަތު ފީފާ އިން ދީފައިވަނީ ރަޝިޔާ އަށެވެ.