ސްޕެނިޝް ލީގުގައި ރޭ އެސްޕަނިޔޯލް އިން ފަހު ވަގުތު 0-1 އިން ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދައިފިއެވެ.

Error, group does not exist! Check your syntax! (ID: 111)

ރޭގެ މެޗުން ބަލިވުމުން ރެއާލް މިހާރު އޮތީ 51 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. އެސްޕަނިޔޯލް އޮތީ 31 ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގައެވެ. ރެއާލް އަށް ވުރެ އެއް މެޗު މަދުން ކުޅެ ލީގުގެ އެއްވަނައިގައި 65 ޕޮއިންޓާ އެކު އޮތީ ވާދަވެރި ބާސެލޯނާއެވެ.

އެސްޕަނިޔޯލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ރެއާލްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައި ނުވާއިރު މި މެޗުގައި އެޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ދެ ޓީމަށް ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ. އެގޮތުން ގެރެތް ބޭލް ބޮލުން ފޮނުވާލި ހަމަލާ އެސްޕަނިޔޯލްގެ ކީޕަރު ޑިއޭގޯ ލޮޕޭޒް ދިފާއުކުރިއިރު ރެއާލްގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ އެސްޕަނިޔޯލްގެ މޮރޭނޯ ފޮނުވާލި ހަމަލާ ދިޔައީ ރެއާލްގެ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި އެސްޕަނިޔޯލް އިން ވަނީ ކުޅުން ރަނގަޅުކޮށް ރެއާލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މި މެޗުން އެސްޕަނިޔޯލް މޮޅުވި ގޯލު މެޗުގެ އެންމެފަހު މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މޮރޭނޯއެވެ.

މިއީ ލީގުގައި ރެއާލް ބަލިވި ފަސްވަނަ މެޗު ކަމަށްވާއިރު މިއީ 2007 ވަނަ އަހަރަށްފަހު އެސްޕަނިޔޯލް އަށް ރެއާލްގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސްޕެނިޝް ލީގު ދިފާއުކުރުމުގެ ފުރުސަތު ރެއާލް އަށް ގާތްގަނޑަކަށް ގެއްލިގެން ގޮސްފައިވާއިރު އެޓީމަށް މި ސީޒަނުގައި ކާމިޔާބު ކުރެވެން މިހާރު ހަމައެކަނި އޮތީ ޗެމްޕިއަންސް ލީގެވެ.

 

 

ކިޔުންތެރިންގެ ހިޔާލު