"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާފައިނަލަށް މޯލްޑިވިއަން ދަތުރުކޮށްފިއެވެ.

މޯލްޑިވިއަން މިރޭ މޮޅުވީ ރީތި އައްޑޫ އާއި ބައްދަލުކޮށް 2-5 އިންނެވެ.

މޯލްޑިވިިއަން އާއި ރީތި އައްޑޫ ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މި މޮޅާއެކު މޯލްޑިވިއަން ކުއާޓާ އަށް ދަތުރުކުރީ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މޯލްޑިވިއަން އަށް ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ލިބިފައެވެ. މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ އަށް ދަތުރުކުރީ ރީތި އައްޑޫއެވެ. އެޓީމަށް ކުޅުނު ތިން މެޗުން ލިބުނީ ހަ ޕޮއިންޓެވެ. މި ގްރޫޕްގައި ދެން ހިމެނޭ މައިލޯ ސިޓީ އާއި ރޭޒާ ފައިވް ވަނީ ބާކީ އެއް މެޗު އޮއްވާ މުބާރާތުން ކަޓާފައެވެ.

މޯލްޑިވިއަން އިން ރަނގަޅު ކުޅުމެއް މިރޭގެ މެޗުގައި ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފްއެވެ. މި ގޯލަށްފަހު ވެސް މޯލްޑިވިއަން އިން ރީތި އައްޑޫގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން މުހައްމަދު އިމްރާން ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މޯލްޑިވިިއަން އާއި ރީތި އައްޑޫ ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް މޯލްޑިވިއަން އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު މުހައްމަދު ލިޔާހު ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭގެ އިރުކޮޅެއްފަހުން ނާއިފް ޝަފީގް ރީތި އައްޑޫ އަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް މޯލްޑިވިއަން އިން ވަނީ ކައިރިކައިރީގައި ދެ ގޯލު ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ދެ ގޯލު މޯލްޑިވިއަން އަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފް އަދި އިމްރާންއެވެ.

ރީތި އައްޑޫ އިން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް އާސިފްއެވެ.

މޮޅު ކުޅުންތެރިޔާ އަށް އިނާމު ހަވާލުކުރަނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މިރޭގެ މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ އަށް މޯލްޑިވިއަން ދަތުރުކޮށްފައިވާއިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މޯލްޑިވިއަންގެ ހުސެއިން ޝަރީފްއެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.