"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ތިން މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާފައިނަލަށް ވިނިން ފައިވް ދަތުރުކޮށްފިއެވެ.

މިރޭގެ މެޗު ވިނިން ފައިވް އިން ކާމިޔާބުކުރީ ޔޫތް ޗެލެންޖާސްއާ ބައްދަލުކޮށް 3-6 އިންނެވެ.

ވިނިން ފައިވް އާއި ޔޫތް ޗެލެންޖާސް ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި މޮޅާއެކު މުބާރާތުގެ ކުއާޓާ އަށް ވިނިން ފައިވް ދަތުރުކުރީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޔޫތް ޗެލެންޖާސް އާއި އައިލޭންޑާސް އަށް ވެސް ތިން ޕޮއިންޓު ލިބުނުއިރު ވިނިން ފައިވް އަށް ގްރޫޕްގެ ދެވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ އަށް ދަތުރުކުރީ އެފްސީ އުސްގަނޑައެވެ. އެޓީމަށް ވަނީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓު ލިބިފައެވެ.

ވިނިން ފައިވް އިން ރަނގަޅު ކުޅުމެއް މިރޭގެ މެޗުގައި ދެއްކިއިރު މެޗުގެ ކުރީކޮޅު ހަސަން ވިއާމް މަންސޫރު ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން ވިނިން ފައިވް އިން ދެވަނަ ގޯލު ކާމިޔާބުކުރިއިރު މި ގޯލަކީ ޔޫތް ޗެލެންޖާސްގެ މުހައްމަދު ރިޔާޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ވިނިން ފައިވް އާއި ޔޫތް ޗެލެންޖާސް ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ގޯލަށްފަހު ވެސް އިތުރު ފުރުސަތުތަކެއް ވިނިން ފައިވް އިން ތަނަވަސްކޮށްފައިވާއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔޫތް ޗެލެންޖާސް އިން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ވިނިން ފައިވް އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ވިއާމް ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ވިނިން ފައިވްގެ ފަސްވަނަ ގޯލު މުހައްމަދު ހޫދު ކާމިޔާބުކޮށްދިންއިރު ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ ސާހިލް ރަޝީދެވެ. އަދި އެޓީމުގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ ފައްވާޒް މޫސާއެވެ.

މޮޅު ކުޅުންތެރިޔާ އަށް އިނާމު ހަވާލުކުރަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޔޫތް ޗެލެންޖާސް އިން ދެން މި މެޗުގައި ކާމިޔާބުކުރި ދެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން މުފީދު އާއި މުހައްމަދު ރިޔާޒެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިނިން ފައިވްގެ ސާހިލްއެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.