ބަޔާން މިއުނިކަށް ކުޅެމުން އައި ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ބާސެލޯނާ އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

2015 ވަނަ އަހަރު ޔުވެންޓަސް އިން 32 މިލިއަން ޕައުންޑުގެ އަގަކަށް ބަޔާންއާ ގުޅުނު ވިޑާލް ބާސާ އަށް ބަދަލުވާނީ 27 މިލިއަން ޕައުންޑުގެ އަގަކަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ވިޑާލް ގެނައުމާ ގުޅޭގޮތުން ބަޔާން އާއެކު ބާސާ އިން މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަދި މި ޓްރާންސްފާ މިއަދުގެ ވަގުތެއްގައި މުޅިން ފުރިހަމަ ވެގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ވިޑާލް ގެންނަން ބާސާ އިން މަސައްކަތް ފެށީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ ގެންނަން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެންނެވެ.

އުމުރުން 31 އަހަރުގެ ވިޑާލް ބާސާ އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާއިރު އޭނާ ގެނައުމަށް އިންޓަ މިލާނުން ވެސް ޝައުގުވެރިވިއެވެ. ނަމަވެސް ވިޑާލް ގެނައުމުގެ މަސައްކަތް އިންޓަ އިން މަޑުޖައްސާލީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ގެންނަން މަސައްކަތް ކުރަމުންދާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަޔާންގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އައި ވިޑާލް ވަނީ އެ ކްލަބަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީ ޖަރުމަނު ލީގު ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

ވިޑާލް ވެގެންދާނީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ބާސާ އަށް ގެންނަ ހަތަރުވަނަ ކުޅުންތެރިޔާ އަށެވެ. މީގެކުރިން ބާސާ އަށް ވަނީ ބްރެޒިލްގެ މިޑްފީލްޑަރު އާތާ މެލޯ އާއި ސެވިއްޔާ އަށް ކުޅެމުން އައި ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓްގެ އިތުރުން ބޯޑޯ އަށް ކުޅެމުން އައި ބްރެޒިލްގެ ވިންގާ މެލްކޮމް ގެނެސްފައެވެ.