ޔުވެންޓަސް އަށް އަލުން އަނބުރާ އާދެވޭނެ ކަމަށް ހީ ނުކުރާ ކަމަށް އެ ކްލަބާއި އަލުން ގުޅުނު އިޓަލީގެ ޑިފެންޑަރު ލިއަނާޑޯ ބޮނޫޗީ ބުނެފިއެވެ.

ޔުވެންޓަސް ދޫކޮށްލުމަށްފަހު މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ބޮނޫޗީ ވަނީ އޭސީ މިލާނަށް ބަދަލުވެފައެވެ. މިލާނަށް ބަދަލުވުމުން އެ ކްލަބުން ވަނީ ބޮނޫޗީ އަށް ކެޕްޓަންކަން ވެސް ދީފައެވެ.

ނަމަވެސް މިލާނުގައި އެންމެ އަހަރެއް ހޭދަކުރުމަށްފަހު ބޮނޫޗީ މިހާރު ވަނީ އަލުން އެނބުރި ޔުވެންޓަސް އަށް ބަދަލުވެފައެވެ. ބޮނޫޗީ ޔުވެންޓަސް އަށް ބަދަލުވިއިރު، ޔުވެންޓަސް އިން ވަނީ އެ ކްލަބަށް ކުޅެމުން އައި ޒުވާން ޑިފެންޑަރު މަޓިއާ ކަލްޑަރާ އާއި ލޯނެއްގެ ދަށުން އިތުބާރު ފޯވާޑް ގޮންޒާލޯ ހިގުއައިން މިލާނަށް ފޮނުވާލާފައެވެ.

ޔުވެންޓަސް އަށް ދެވަނަ ފަހަރަށް ބަދަލުވުމަށްފަހު ބޮނޫޗީ ބުނީ އަލުން އަނބުރާ އެ ކްލަބަށް އާދެވޭނެ ކަމަށް ހީ ނުކުރާ ކަމަށާއި މިކަން ވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރެން މިހުރީ ވަރަށް ބޮޑަށް ޝައުގުވެރިވެފައި. ޓިއުރިން އާއި ޔުވެންޓަސް އަކީ އަހަރެންގެ އަމިއްލަ ގެއެއް ފަދަ ތަނެއް. ވަރަށް އުފާވެއްޖެ އަނބުރާ އާދެވުނީމަ" ބޮނޫޗީ ބުންޏެވެ.

އުމުރުން 31 އަހަރުގެ ބޮނޫޗީ ޔުވެންޓަސް އަލުން އަނބުރި އައިސްފައިވާއިރު މިފަހަރުގެ ޓްރާންސްފާގައި އެ ކްލަބުން ވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އައި އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ގެނެސްފައެވެ.

ޔުވެންޓަސްގެ ސްކޮޑު އިތުރަށް ވަރުގަދަ ކޮށްފައިވާއިރު އަންނަ ސީޒަނުގެ އިޓާލިއަން ލީގުގެ ފުރަތަމަ މެޗުގައި އެޓީމު ބައްދަލުކުރާނީ ކިއޭވޯއާއެވެ.