ދާދި ފަހުން ޕީއެސްޖީގެ ތަރި ނޭމާގެ ފަޔަށް ލިބުނު އަނިޔާ އެއްގެ ސަބަބުން އޭނާ އޮޕަރޭޝަނެއް ކުރަން ޖެހޭނޭ ކަމަށް ނޭމާގެ ބައްޕަ ބުނެފައިވާ އިރުގައި، ނޭމާ އޮޕަރޭޝަނެއް ކުރަން ނުޖެހޭނޭ ކަމަށް ޕީއެސްޖީގެ ބޮސް އުނައި އެމެރީ ބުނެފިއެވެ.

މާސޭ އާއި ވާދަކޮށް 3-0ގެ ނަތީޖާ އަކުން ޕީއެސްޖީ މޮޅުވި މެޗުގެ ތެރެއިން ނޭމާގެ ފަޔަށް ތަދުވެ، ކަރުނަ އަޅަމުން އޭނާ ދަނޑުން ބޭލި އިރުގައި އުނައި އެމެރީ އިތުރަށް ބުނެފައި ވަނީ ރެއަލް މެޑްރިޑާއި ބައްދަލު ކުރާ މެޗުގައި ނޭމާ އަށް ކުޅުމުގެ ކުޑަ ފުރުސަތެއް އެބަ އޮތް ކަމަށެވެ.

 

އެމެރީ މިހެން ބުނުމުން އެކަމާއި ނުރުހުން ފާޅުކޮށް އީއެސްޕީއެން އާއި ވާހަކަ ދައްކަމުން ނޭމާގެ ބައްޕަ ބުނެފައި ވަނީ އޭނާގެ ހާލު ސީރިއަސް ކަމަށާއި، އެންމެ އަވަހަށްވެސް އޭނާ ދަނޑުމަތިން ދެން ފެންނާނީ މީގެ 8 ވަރަކަށް ހަފްތާ ފަހުން ކަމަށެވެ.

" ނޭމާ އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ބުނެ އިވޭ އަޑު ތަކުގެ އެއްވެސް ހަގީގަތެއް ނެތް. ޑޮކްޓަރު ބުނެފައިވާ ގޮތުން އޭނާ އޮޕަރޭޝަނެއް ކުރާކަށް ނުޖެހޭ. އަނެއްކޮޅުން ރެއަލް މެޑްރިޑާއި ދެކޮޅަށް ކުޅެން އެންމެ ބޮޑަށް ބޭނުން ވަނީވެސް ނޭމާ. އެ މެޗުން ނޭމާ ފެނުމުގެ ކުޑަ ފުރުސަތެއް އެބަ އޮތް". ނޫސްވެރިންނާއި ވާހަކަ ދައްކަމުން އެމެރީ ބުނެފައި ވެއެވެ.

ކްލަބުގެ ބޮޑު މީހާ އާއި ކުޅުންތެރިޔާގެ ބައްޕަ ދެގޮތަށް ވާހަކަ ދެއްކުމުން ޕީއެސްޖީ ފޭނުން ވަނީ އެމީހުންނަށް މިކަން ސާފުކޮށް ދިނުމަށް އެދި ކްލަބުގެ މެނޭޖްމަންޓަށް ގޮވާލައިފައެވެ.